ދުނިޔޭގެ އާބާދީގެ 76 ޕަސެންޓް މީހުންނަކީ "އޯވާ ފެޓް" ނުވަތަ އިސްކޮޅާ އަޅާބަލާއިރު އާދާޔާ ޚިލާފަށް ފަލަ މީހުން ކަމަަށް އޮސްޓްރޭލިއާގެ އެމްއޭއެފްއެފް ފިޓްނެސް އިން ކޮށްފައިވާ ދިރާސާއަކުން ދައްކައިފި އެވެ.

މިއީ ހިތުގެ ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރުވާ އެއް ސަބަބު ކަމަށާއި އަދި ތަފާތު ބަލިތައް ޖެހިގެން މީހުން އަތުން ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކުރަންޖެހޭ ސަބަބު ކަމަށް ވެސް އެދިރާސާގައި ބުނެފައިވެ އެވެ.

މީގެ އތުރުން ވެސް އާދަޔާ ޚިލާފަށް ބަރުދަން އިތުރުވުން (އޮބީސިޓީ)ގެ މައްސަލަ ވެސް ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށް އެ ދިރާސާގައި ބުނެފައިވާއިރު މިއީ ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެއްކަން އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

އާދަޔާ ޚިލާފަށް މީހާ ފަލަވާން ދިމާވާ ސަބަބު ތަކުގެ ތެރޭގައި އަހަރެމެންގެ އާއްމު ދިރިއުޅުން ހުންނަ ގޮތާއި ކެއުންބުއިމުގެ އާދަތައް ބޮޑު ދައުރެއް އާދަކުރެ އެވެ. މިއީ ގިނަ ބަލިތަކެއްގެ ޝިކާރައަށް މީހާވާ މައިގަނޑު ސަބަބެވެ.

ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް ދުނިޔޭގައި އިތުރުވެގެން އުޅެނީ ވެސް އަހަރެމެންގެ އާންމު ދިރިއުޅުމުގައި ސިއްހަތާއިމެދު ފަރުވާކުޑަ ކުރެވޭތީ ކަމަށް ތަޖުރިބާ ކާރުން ބުނެ އެވެ.

ފަލަވުން ނުވަތަ އޯވަ ވެއިޓް ގެ މައްސަލަ މުޅި ދުނިޔޭގެ ހުރިހާ ގައުމަކަށް ދިމާ ވެފައިވާއިރު، ދިވެހިންގެ މުޖުތަމައުގައި ވެސް މިއީ މާބޮޑު ސަމާލުކަމެއް ދެވިފައިނުވާ ބޮޑު މައްސަލަ އެކެވެ. ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންގެ މެދުގައި ވެސް އާދަޔާ ޚިލާފަށް ފަލަވުމުގެ މައްސަލަ ބޮޑެވެ.

މިކަމުގެ ނުރައްކަލަށް ވިސްނައި ވަގުތު ފާއިތުވުމުގެ ކުރިން ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ޚިޔާރުކުރުން މުހިއްމެވެ.