އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސާ އައިޝަތު ރަފިއްޔާއަށް އެ ޕާޓީގެ ކައުންސިލް މެމްބަރަކު ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ރަފިއްޔާއަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރަނީ އެމްޑީއޭގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް އަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ރަފިއްޔާއަށް ހަމަލާދިން ކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރަފިއްޔާ އާއި އައްބާސަކީ ވެސް އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުހައްމަދުގެ އަރިސް ދެ ބޭފުޅުންނެވެ.

ރަފިއްޔާއަށް ހަމަލާދިނުމަށްފަހު އެކަން އޮއްބާލުމަށް އޭނާގެ ނަމުގައި ފޭކް ޗެޓްލޮގްތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅޭގޮތުން އައްބާސް ވިދާޅުވެފައި ވަނީ އޭނާ ރަފިއްޔާއަށް ހަމަލާދިން ނަމަ އޭނާގެ ހަލާލު އަނތްބެއް ނުހުންނާނެ ކަމަށެވެ.

ރަފިއްޔާއަށް ހަމަލާދިން މައްސަލަ އިންސާފުވެރިކޮށް ތަހުގީގު ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.