ޗާޖަށް ޖަހައިގެން ފޯނާ ކުޅުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ކަށީގައި ހިފާފައި ހުންނަ އާދަ އެކެވެ. މާ ބޮޑު ސަމާލު ކަމެއް ނުދެވި ކުރެވޭ މި ކަމަކީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް ކުރިމަތި ކުރުވާފާނެ ކަމެއްކަން އެނގޭނަމަ ގިނަ ބަޔަކު އެކަމާ ދުރުވާނެ އެވެ.

ފޯނު ހޫނުވުން

ފޯނު ޗާޖަށް ޖަހައިގެން ބޭނުންކުރާނަމަ އެންމެ ފުރަތަމަ ވާނެ އެއް ކަމަކީ ފޯނު ހޫނު ވުމެވެ. ފޯނު ޗާޖަށް ޖަހާފައި ތަނެއްގައި ބާއްވާފައި އޮންނައިރުވެސް ކޮންމެވެސް ވަރަކަށް ފޯނު ހޫނު ވެފައި އޮންނަ ކަން ފާހަގަ ކުރެވޭނެ އެވެ. އެހެންކަމުން ފޯނު ޗާޖަށް ޖަހައިގެން އޭގެ ބޭނުންކުރާ ކަމުގައިވާ ނަމަ އަދި މާ ބޮޑަށް ފޯނު ހޫނު ވާނެ އެވެ. މިކަމުގެ ސަބަބުން ސޮފްޓްވެއާތަކަށް ގެއްލުން ލިބި ފޯނު ބޭނުން ކުރުމުގައި އުނދަގޫތައް ކުރިމަތިވާނެ އެވެ

ޗާޖުވުން ލަސްވުން

ބައެއް ބްރޭންޑްތަކުގެ ފޯނުގެ މަތިގަނޑު ނައްޓާލުމުން ބެޓެރި ފުފިފައި އޮންނަތަން ފެނެ އެވެ. މިހެން ވެފައި އޮތްތަން ފެނިއްޖެނަމަ އެ ބެޓެރި ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މިހެން ދިމާވަނީ ފޯނު ޗާޖަށް ޖަހައިގެން ފޯނާއި ކުޅުމުން ބެޓެރިއަށް ބާރު ބޮޑުވެގެންނެވެ. މީގެ އިތުރުން ފުފިފައިވާ ބެޓެރިއެއް ޗާޖުކުރާނަމަ ޗާޖުވުން ވެސް ލަސްވާނެއެވެ.

ޗާޖަރު ހަލާކުވުން

ފޯނު ޗާޖަށް ޖަހައިގެން ފޯނާއި ކުޅޭ ނަމަ ފޯނުގެ ޗާޖަރުވެސް ހަލާކުވުން އެކަށީގެންވެ އެވެ. ސަބަބަކީ ބެޓެރި ހޫނުވާ ފަދައިން ޗާޖަރަށް ކުރާ ޕްރެޝަރުގައި ޗާޖަރުވެސް ހޫނުވާތީ އެވެ. އަދި ޗާޖަރު ޖަހާފައި ހުންނަ ސޮކެޓް އަނދާ ސޯޓުވެ އަލިފާނުގެ ހާދިސާތައްވެސް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.

ބެޓެރި ގޮވުން

މަތީގައި ދެންނެވުނު ހުރިހާ ކަމެއް އެކުވެގެން ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތަކީ ފޯނުގެ ބެޓެރި ގޮވުމެވެ. ފޯނު ހޫނުވެ ޗާޖަރަށް ކުރާ ބާރު ބޮޑުވުމުގެ ސަބަބުން ބެޓެރި ގޮވައި ބޮޑެތި އަނިޔާތަކެއް ލިބި ފުރާނައަށް ގެއްލުންވި ހާދިސާތަކެއް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައި އެބަހުއްޓެވެ.