އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީ އިން ވަކިވުމުން އެމްޑީޕީގެ އެތެރެއަށް ކުޑަ ލޮޅުމެއް އައި ނަމަވެސް، އެމްޑީޕީގެ މެންބަރުން ޕާޓީއާއެކު އަލުން ނުކުމެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ބ. ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީ ތެރެއަށް ކުޑަ ލޮޅުމެއް މީގެ ކުރިން އެރި ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން މެދުގައި ޖެހުނު ކުނި މިހާރު ފިލާފައިވާ ކަމަށާއިި އެކަމުގެ އަސަރު ބައެއް ރަށްރަށުން ވެސް ފެންނަމުން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަމުގެ އަސަރު ތުޅަދޫއިން ވެސް މިއަދު ފެނިގެން ދިޔަ ކަމަށެވެ.
"އެކަމަކު އެ މަންޒަރު މިދަނީ ބަދަލުވަމުން. ދެވުނު ހުރިހާ ރަށަކުން ވެސް. ބައެއް ރަށްރަށުގައި މީގެ އަސަރު ކުރިން ކޮށްފައި ހުރި. ނަމަވެސް ބަދަލުވަމުން އައިސް އެމްޑީޕީއާއެކު, އަސްލު އެމްޑީޕީގެ މެމްބަރުން ނުކުމެ ތިބިތަން ފެނޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭތަން ފެންނަމުން އަންނަ ކަމަށެވެ.
އެމްޑިޕީގެ ޕްރައިމަރީގައި ލިބުނު ނާކާމިޔާބީއަށް ފަހު ރައީސް ނަޝީދު އެމްޑީޕީ އިން ވަކިވީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެބޭފުޅުންގެ ދެމެދުގައި މައްސަލަ ގޯސްވެ އެންމެ ބޮޑު ރެނދެއްލީ ރިޔާސީ ޕްރައިމަރީގެ ތެރޭގަ އެވެ. އެ ހިސާބުން ފެށިގެން ރައީސް ނަޝީދު ގެންދެވީ ފިކުރެއްގެ ދިރުން މިނަމުގައި ފެކްޝަން އެއް އުފައްދަވައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއެކި މަސައްކަތް ކުރައްވަމުންނެވެ. އަދި ރައީސް ސޯލިހަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ. އަދި "ދަ ޑިމޮކްރެޓްސްގެ" ނަމުގައި އެމަނިކުފާނު ފަހަތްޕުޅުގައި ހުންނަވައިގެން ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓަރީ ކުރައްވާފަ އެވެ.