ސަލްމާން ޚާންއަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި ވެސް ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ ދިގު ކެރިއަރުގައި އެތައް ފިލުމެއް ކުޅެދީފައިވާއިރު އެ ފިލްމުތަކަކީ ވެސް ކާމިޔާބު ފިލްމުތަކެކެވެ.

ސަލްމާން ބޮލީވުޑަށް ނުކުތްތާ 35 އަހަރު ފުރިފައިވާއިރު އޭނާ މިވަނީ މި ދާއިރާއިން އޭނާއަށް ލިބިފައިވާ ކާމިޔާބީތަކަށްޓަކައި އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ސަލްމާން މި ބީދައިން ވާހަކަ ދައްކާފައިވަނީ ބޮލީވުޑްގައި އޭނާ މަސައްކަތް ކުރާތާ 35 އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ.

ސަލްމާން ބުނެފައިވަނީ މި ދާއިރާއިން އޭނާއަށް އާދެވިފައިހުރިޔ ހިސާބަށް އާދެވުނީ ބެލުންތެރިންގެ އެހީތެރިކަމާއެކު ކަމަށާއި އެހެންކަމުން އޭނާގެ ކާމިޔާބީގެ ޝުކުރު ބެލުންތެރިންނަށް ހައްގު ކަމަށެވެ.

ސަލްމާން އެންމެ ފުރަތަމަ ބޮލީވުޑަށް ނުކުމެފައިވަނީ 1988 ވަނަ އަހަރު ނުކުތް ފިލްމު "މެއިނޭ ޕްޔާރް ކިޔާ" އިންނެވެ. އެ ފިލްމަށް ވެސް ގިނަ ބަޔެއްގެ ތަރުހީބު ލިބުނެވެ.

އޭގެ ފަހުން މިވީ 30 އަހަރު ދުވަހުގެ ތެރޭގައި ތޭރޭ ނާމް، ދަބަންގް، ބަޖްރަންގީ ބައިޖާން އަދި ޓައިގާ ފަދަ ފާހަގަ ކޮށްލެވޭ ފިލްމުތައް އޭނާ ކުޅެފައިވެ އެވެ.