އޭނާގެ ހަމުގެ ކުލައިގެ ސަބަބުން ބޮލީވުޑްގެ ގިނަ ފުރުސަތުތަކެއް ގެއްލިފައިވާ ކަމަށް ހިންދީ ފިލްމުތަކުން ފެންނަ އެކްޓްރެސް ކާލްކީ ކޮޗްލިން ބުނެފި އެވެ.

ކާލްކީ މިހެން ބުނެފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ގޯލްޑް ފިޝް"އާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ކާލްކީ ބުނީ އެ ފިލްމުގައި އޭނާގެ ރޯލަކީ ތަފާތު ރޯލެއް ކަމަށެވެ.

"ހަމުގެ ކުލައިގެ ސަބަބުން އަހަރެން ކަހަލަ މީހުންނަށް ފުރުސަތު ނުލިބޭ ބޮލީވުޑްގައި މި ފިލްމުން ލިބުނު ރޯލަކީ ފާހަގަ ކޮށްލެވޭ ރޯލެއް" ކާލްކީ ބުނެފައިވެ އެވެ.

ކާލްކީ އިތުރަށް ބުނީ އޭނާގެ ހަންގަނޑު މާ "ހުދު" ކަމަށް ބުނެ ގިނަ ޕްރޮޑިއުސަރުންތަކެއް އޭނާއަށް ފުރުސަތު ދިނުމަށް އިންކާރު ކޮށްފައިވާ ކަމަށެވެ.

"ޔޭ ޖަވާނީ ހޭ ދިވާނީ"، "ޒިންދަގީ ނާ މިލޭގީ ދޯބާރާ"، އަދި "ގަލީ ބޯއީ" ފަދަ ފިލްމުތަކުން ފާހަގަވެގެން ދިޔަ ކާލްކީގެ ހިންދީ ފިލްމެއް މި ނުކުންނަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

ކާލްކީއަކީ އިންޑިއާއަށް އުފަން ފްރާންސްގެ ރައްޔިތެކެވެ. އޭނާގެ މައިންބަފައިންނަކީ އިންޑިއާއަށް ހިޖުރަކުރި ފްރާންސްގެ ދެމަފިރިއެކެވެ.