ބޮލޭވުޑްގެ ތަރި އަރްޖުން ކަޕޫރާއި އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާގެ ލޯބީގެ ގުޅުން ނިމުނު ކަމުގެ ވާހަކައަކީ މިފަހަކަށް އައިސް ބޮލީވުޑް ހަބަރުތަކުގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އެވެ.
އެހެން ނަމަވެސް އެ ދެމީހުންގެ ގުޅުން ނުނިމޭ ކަމަށާއި އެކަން ބޮޑު ކޮށްލައިގެން ދައްކަން މީޑިއާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ކަމާ ގުޅުންހުރި ފަރާތަކުން މިވަނީ ބުނެފަ އެވެ.
އެގޮތުން އެ ވާހަކަތަކުގެ އަޑު މީޑިއާގައި ގަދަވެފައިވަނިކޮށް އަރުޖުންއާއި މަލައިކާ އެކުގައި ދެފަހަރެއްގެ ރެސްޓޯރެންޓަކަށް ކާން ދިޔަ މަންޒަރު ވެސް މީޑިއާއަށް ވަނީ ފެނިފަ އެވެ.
ކަން މިހެން އޮތް ނަމަވެސް އެދެމީހުންގެ ގުޅުން ނިމުނު ކަމަށް ބާރުދޭ ބައެއް ކަންކަން ވެސް މަލައިކާގެ ފަރާތުން ފެނިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އެގޮތުން މަލައިކާގެ ސޯޝަލް މީޑިއާއިން އަރުޖުންގެ އާއިލާގެ މެމްބަރުން އަންފޮލޯ ކޮށްފައިވާއިރު ވަރަށް ފަހުން އޭނާ ވަނީ "ލެޓްސް ފޯލް އަޕާޓް" ޖަހާފައިވާ ޓީޝާޓެއް ލައިގެން ބޭރަށް ނުކުމެފަ އެވެ.
އެހެން ކަމުން މަލައިކާއާއި އަރްޖުންގެ ގުޅުން އޮތް ގޮތް ސާފުނުވާއިރު އެ ދެމީހުންކުރެ އެކަކު ވެސް ސީދާ ގޮތުން އެކަމާ ބެހޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
މަލައިކާ އަރްޖުންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީޑިއާއަށް އާއްމު ކޮށްފައިވަނީ މަލައިކާއާއި އަރްބާޒް ޚާންގެ ކައިވެނި ރޫޅުނު ފަހުންނެވެ.