ބޮލީވުޑްގެ ތަރިންނަކީ އާއްމު ގޮތެއްގައި އެމީހުންގެ މުއްސަނދި ދިރިއުޅުމުގެ ވައްޓަފާޅިއަށްޓަކައި މަޝްހޫރު ބައެކެވެ. ބައެއް ތަރިން ދިރިއުޅުމުގެ އެކި ކަންކަމަށް ލައްކައިން ހަރަދު ކުރެ އެވެ. އެގޮތުން މި ބަލާލަނީ ބޮލީވުޑްގެ ބައެއް ތަރިން ދިރިއުޅެމުން އަންނަ އެޕާޓްމަންޓް ނުވަތަ ގެތަކަށް ދައްކަމުންދާ ކުއްޔަށެވެ.
ރަންވީރު ސިންހް އަދި ދީޕިކާ ޕަދުކޯން
ރަންވީރު ސިންހްއާއި އަންހެނުން ދީޕިކާ ޕަދުކޯން ދިރިއުޅެމުން އަންނަނީ މުމްބާއީގެ ޕްރަބޫދޭވީ ސަރަހައްދުގައި ހުންނަ ބިއުމޮންޑޭ ޓަވާސްގެ އެޕާޓްމަންޓެއްގަ އެވެ. މި ލަގްޒަރީ އެޕާޓްމަންޓްގެ ކުލީގެ ގޮތުގައި އެ ދެމަފިރިން ކޮންމެ މަހަކު 7.25 ލައްކަ އިންޑިއާ ރުޕީސް ދައްކަ އެވެ.
ރިތިކް ރޯޝަން
ބޮލީވުޑްގެ އެންމެ ރީތި ފިރިހެން އެކްޓަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރިތިކް ރޯޝަން އުޅެނީ މުމްބާއީގެ އެންމެ މަޝްހޫރު އެއް ސަރަހައްދު ކަމަށްވާ ޖުހޫގެ އެޕާޓްމަންޓެއްގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މުމްބާއީގެ ރީތި ސިޓީ ވިއުއެއް ފެންނަ އެ އެޕާޓްމަންޓްގެ ކުއްޔަކީ 8.5 ލައްކަ އިންޑިއާ ރުޕީސް އެވެ.
ސަލްމާން ޚާން
އާއިލާއާއެކު ބެންޑްރާގެ ގެލެކްސީ އެޕާޓްމްންޓުގައި ދިރިއުޅެމުން އަންނަ ސަލްމާން ޚާން ކޮންމެ މަހަކު ވެސް ކުލީގެ ގޮތުގައި 8.25 ލައްކަ އިންޑިއާ ރުޕީސް ދައްކާ ކަމަށް އިންޑިއާގެ ހަބަރުތައް ބުނެ އެވެ.
ވިކީ ކައުޝަލް އަދި ކެޓްރީނާ ކައިފް
ބޮލީވުޑްގެ އެންމެ "ލޯބި" ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ވިކީ ކައުޝަލްއާއި އޭނާގެ އަންހެނުން ކެޓްރީނާ ކައިފް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުއްޔަށް ހިފާފައިވާ ޖުހޫގެ އެޕާޓްމަންޓުގެ ކުލީގެ ގޮތުގައި 8.40 އާއި 8.82 ލައްކަ އިންޑިއާ ރުޕީސްއާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކާތިކް އާރްޔަން
އަރަމުން އަންނަ ޒުވާން ތަރި ކާތިކް އާރްޔަން ދިރިއުޅެމުން އަންނަނީ ޖުހޫގެ ސީ ފޭސިން އެޕާޓްމަންޓެއްގަ އެވެ. ޖުހޫ ބީޗްއާއި މޫދުގެ ރީތި މަންޒަރުތައް ފެންނަ އެ އެޕާޓްމަންޓްގެ ކުއްޔަކީ މަހަކު 7.5 ލައްކަ އިންޑިއާ ރުޕީސް އެވެ.