ބޮލީވުޑްގައި އޭނާ ކުޅެދީފައިވާ ވަކި ފިލްމުތަކެއްގެ ރޯލުތައް އެހެން ފިލްމުތަކުގެ ރޯލުތަކަށްވުރެ މަޝްހޫރުވާތީ ކަރީނާ ކަޕޫރު ޚާން ރުޅިގަދަ ވެއްޖެ އެވެ.

ކަރީނާ، އޭނާގެ ފިލްމީ ހަޔާތުގައި ގިނަ ފިލްމުތަކެއް ކުޅެފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާ މަޝްހޫރު ވެފައިވަނީ "ކަބީ ޚުޝީ ކަބީ ޣަމް"ގައި އޭނާ ދައްކުވައިިދިން "ޕޫ"އާއި "ޖަބް ވީ މެޓް"ގައި އޭނާ ކުޅުނު "ގީތު"ގެ ގޮތުގަ އެވެ.

މިފަހުން ބޭއްވި އިވެންޓެއްގެ ތެރެއިން އޭނާގެ ފިލްމީ ހަޔާތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރީނާ ބުނީ ފިލްމީ ކެރިއަރުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން ހަމައެކަނި ދެތިން ފިލްމެއްގެ ފާހަގަ ކުރެވޭތީ ހިތްހަމަ ނުޖެހޭ ކަމަށެވެ.

"ކޮންމެ އާޓިސްޓަކު ވެސް ބޭނުންވާނެ ތަފާތު ރޯލުތައް ކުޅެން. އެގޮތަށް އަހަރެން ވެސް ކުޅުނިން. އެކަމަކު އާއްމުންނަށް ފާހަގަ މިވަނީ ހުސް އެއްކަހަލަ ރޯލުތަކެއް" ކަރީނާ ބުންޏެވެ.

"ކަބީ ޚުޝީ ކަބީ ޣަމް"ގައި ކަރީނާ ދައްކުވައިދިން "ޕޫ" އަކީ ފޮނި އަންހެނެއްގެ ރޯލުގެ ގޮތުގައި ބެލެވޭއިރު "ޖަބް ވީ މެޓް"ގެ "ގީތު" އަކީ އަނގަގަދަ މަޖާ ކެރެކްޓަރެކެވެ.

ކަރީނާގެ 20 އަހަރަށްވުރެ ގިނަ ދުވަސްވީ ކެރިއަރުގައި ގިނަ ފިލްމުތަކެއް ކުޅެފައިވާއިރު ކޮންމެ ފިލްމެއްގައި ވެސް އޭނާ ދައްކުވައިދިން ކެރެކްޓަރަކީ ތަފާތު ކެރެކްޓަރެކެވެ.