އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ބޮލީވުޑްގެ އެކްޓްރެސް ކަންގަނާ ރޯނަޓް ކުރާ ތާއީދަކީ މީޑިއާއަށް ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. އެކިފަހަރު މަތިން ކަންގަނާ ވަނީ މޯދީގެ ސިޔާސަތުތަކަށް ތައުރީފް ކޮށް ވާހަކަ ދައްކާފަ އެވެ.
އެގޮތުން މިފަހުން ވެސް ކަންގަނާ މިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މޯދީއާއި އޭނާގެ ސިޔާސަތުތައް ދިފާއުކޮށް ޚިޔާލު ފާޅުކޮށްފަ އެވެ.
މިފަހުން ނިމުނު ޖީ20ގެ ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް އިންޓަނެޓުގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއާ ގުޅިގެން މޯދީއަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
މިކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން ކަންގަނާ ބުނީ އެކަހަލަ ކުދިކުދި ކަންކަމަކީ މޯދީއަށް މާ ބޮޑުކަމަކަށް ނުވާނެ ކަމަށާއި އެ މަލާމާތުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
އެ ޓްވީޓުގައި ކަންގަނާ ވަނީ ދުވަހަކު ވެސް ޖަނަވާރެއްގެ މަސް ނުކައި ދުންފަތުގެ އިސްތިއުމާލު ވެސް ކޮށްފައިނުވާ މީހަކަށް އާއްމުން މަލާމާތް ކުރަނީ ނާއިންސާފުން ކަމަށެވެ.
މީގެ ކުރިން ވެސް ކަންގަނާ ވަނީ މޯދީއަކީ ދުނިޔޭގެ އެންމެ ބާރުގަދަ މީހާ ކަމަށާއި މޯދީގެ ހަޔާތަކީ އެހެން މީހުންނަށް އޮތް މިސާލެއް ކަމަށް ވެސް ބުނެފަ އެވެ.
ކަންގަނާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ "ޗަންދްރަމުކީ 2" އިންނެވެ.