އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އާއެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވީ މިހާރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއެކު އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހަދާފައިވާ ދ. މީދޫ ދާއިރާގެ މެމްބަރު މުހައްމަދު ސިޔާމްގެ އެމްޑީއޭއާއެކު ވެސް ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ތޮލާލް ވިދާޅުވީ އެމްޑީއޭގެ އިސްބޭފުޅުންތަކަކާއެކު ޕީޕީއެމް ކޯލިޝަނުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެއީ ރަސްމީ ސިފައެއްގައި ކުރަމުން އަންނަ މަޝްވަރާތަކެއް ނޫން ކަމަށް ތޮލާލް ވިދާޅުވި އެވެ.

"ޝިޔާމްގެ ޕާޓީގެ، އިސް ސަފުގައި ހިމެނޭ ބޭފުޅުން އަޅުގަނޑުމެންނާ ހަމަޔަށް ވަޑައިގެން ވާހަކަދައްކަވަމުން ގެންދާ އެކަމަކު ރަސްމީ މަޝްވަރާތަކެއް އަދި އަޅުގަނޑުމެން ޝިޔާމްމެންނާ އެކު ނުކުރަން،" ތޮލާލް ވިދާޅުވި އެވެ.

ތޮލާލް މިހެން ވިދޅާުވި އިރު ސިޔާމްގެ އެމްޑީއޭއިން ވަނީ އެމްޑީޕީއާއެކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހަދާފަ އެވެ. އަދި ދެވަނަ ބުރުގައި ވެސް ތިބޭނީ އެމްޑީޕީއާ އެކު ކަމަށް ސިޔާމް ވަނީ ވިދާޅުވެފަ އެވެ.