އިންޓަނެޓުގައި އެކި ކަހަލަ މީމްތައް ހަދައިގެން ހިއްސާ ކުރުމަކީ މިއަދުގެ ޓްރެންޑެކެވެ. އެގޮތުން މީމްސް ހަދާއިރު ބޭނުން ކުރެވެނީ ވެސް އެ ދުވަސްވަރެއްގައި އެންމެ ވައިގައި ހިފާފައި ހުންނަ ފޮޓޯތަކާއި ވީޑިއޯތަކެވެ.

މިފަހަރު ވެސް މިއޮތީ އެކަހަލަ ކަމެކެވެ. އިންޑިއާގައި މިހާރު ކުރިއަށްދާ މީމް ފެސްޓްގެ އެންމެ މަގްބޫލު ފޮޓޯތަކަކަށް ވެފައިވަނީ ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ޝާހްރުކް ޚާންގެ ފިލްމު ޖަވާންގެ ޕޯޯސްޓަރެވެ.

މި މީމް ފެސްޓްގައި އާއްމު ފަރުދުންގެ އިތުރުން ވިޔަފާރިތަކާއި ސަރުކާރުގެ ބައެއް އިދާރާތަކުން ވެސް ބައިވެރިވެފައިވާކަން ފާހަގަ ކުރެވެ އެވެ.

އެގޮތުން ލޮލުގައި އަޅައިގަތް އެއް ފޮޓޯއަކީ މަގުމަތީގެ ރައްކާތެރިކަމާ ބެހޭ ގޮތުން އުއްތަރަ ޕްރަދޭޝްގެ ފުލުހުން އާއްމު ކޮށްފައިވާ މެސެޖެކެވެ. އެ މެސެޖުގައި ޖަވާންގެ ޕޯސްޓަރުގައި ޝާހްރުކް ޚާން ހުންނަހެން މުޅި ބޮލުގައާއި މޫނުގައި ބެންޑޭޖް އަޅަން ބޭނުން ނުވާނަމަ ހެލްމެޓް އަޅަން ވަނީ އިރުޝާދު ދީފަ އެވެ.

މި ނޫނަސް ހެއްވާ މަޖާ ގޮތްގޮތަށް ޖަވާންގެ ޕޯސްޓަރުތައް މީމްތަކުގެ ގޮތުގައި ހަދާ ސޯޝަލް މީޑިއާގެ އެެކި ޕްލެޓްފޯމްތަކުގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ޝާހްރުކް ޚާންގެ އިތުރުން ނަޔަންތަރާ ފެނިގެންދާ "ޖަވާން" ސިނަމާ ތަކުގައި ދައްކަމުުން އަންނައިރު މިހާތަނަށް އެ ފިލްމަށް ގިނަ ބައެއްގެ މަގުބޫލްކަމާއި ބޮޑު އާމްދަނީއެއް ވެސް ވަނީ ލިބިފަ އެވެ.