ބޮލީވުޑްގެ ނަންކިޔާ ގިނަ ފަންނާނުންތަކަކާއެކު ރޯހިތު ޝެޓީގެ "ކޮޕް ޔުނިވާސް"ގެ އިތުރު ފިލްމެއް ކަމަށްވާ ސިންގަމް އަގެއިންގެ ޝޫޓިން ފަށައިފި އެވެ.

ފިލްމުގެ ޝޫޓިން ފެށުމުގެ ގޮތުން މުމްބާއީގައި އިއްޔެ ބޭއްވި ހަފްލާއެއްގައި ފިލްމުގެ ޑައިރެކްޓަރު ރޯހިތުގެ އިތުރުން ބައެއް ތަރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެގޮތުން އަޖޭ ދޭވްގަންއާއި ރަންވީރު ސިންހް އެ ހަފްލާއިން ފެނިގެން ދިޔައިރު ދެން އެ ފިލްމުން ފެނިގެންދާ އަކްޝޭ ކުމާރު މިވަގުތު އިންޑިއާއިން ބޭރުގައި ހުރުމުން ހަފްލާގައި ބައިވެރިވެފައެއް ނުވެ އެވެ.

ރޯހިތުގެ ކޮފް ޔުނިވާސްގައި ސިންގަމް (އަޖޭ)، ސޫރްޔަވަންޝީ (އަކްޝޭ) އަދި ސިމްބާ (ރަންވީރު) ހިމެނޭއިރު މިއީ މި ހުރިހާ ތަރިން އެކުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.

ހަބަރުތައް ބުނާ ގޮތުގައި ސިންގަމް އަގެއިންގައި މި ހުރިހާ ތަރިންނާއެކު ވިލަންއެއްގެ ގޮތުގައި ފެނިގެންދާނީ މަޝްހޫރު ޒުވާން ތަރި އަރުޖުން ކަޕޫރެވެ.

ސިންގަމް އަގެއިންގެ ޝޫޓިން ފެށުނުއިރު މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ 2024 ވަނަ އަހަރުގެ ފަހުކޮޅު ކަމަށް ބެލެވެ އެވެ.