ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރާ ގުޅޭ ގަރާރުގެ މަސައްކަތްތައް ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް މިއަދު މަސައްކަތް ކުރި ނަމަވެސް މެމްބަރުން ހަމަނުވާތީ ޖަލްސާ މެދުކަނޑާލައިފި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީ ކުރިއަށް ގެންދިއުމަށް 29 މެންބަރުންގެ ކޯރަމް ބޭނުންވީ ނަމަވެސް މަޖިލީސް ފެށިއިރު ހާޒިރުވެ ތިއްބެވީ 18 މެންބަރުންނެވެ. އެހެން ކަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، މެންބަރުން ޖަލްސާއަށް ހާޒިރުވުމާމެދު ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރަށްވަމުން ގެންދަވާ ކަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ މިހާރު މަޖިލީސް ވަނީ މެދުކަނޑާލައިފަ އެވެ.

މުޅި މަޖިލީހުގެ ކޮމިޓީއަށް މިއަދު ތާވަލުކޮށްފައިވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ އާއްމު ވޯޓު ނަގަން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ހުށަހެޅުއްވި ގަރާރުގެ މަސައްކަތެވެ.

އިލްޔާސްގެ ގާރާރު ފާސްކޮށްފައި ވަނީ މަޖިލީހުގައި އިއްޔެ ތިއްބެވި މެމްބަރުންގެ އިއްތިފާޤުންނެވެ. އެއީ 35 މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފްތާ އިން ފެށިގެން ކޮންމެ ދުވަހަކުވެސް ފަށަނީ ކޯރަމް ހަމަވޭތޯ އެތައް އިރަކު ބެލުމަށްފަހު އެވެ. މަޖިލީހުގެ ކޯރަމް ހަމަނުވާތީ ރައީސް ނަޝީދު މީގެކުރިން ވަނީ އެކަމުގެ ޒިންމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައިވެސް އަޅުވާފަ އެވެ.

އެހެން ނަމަވެސް ރައީސް ސޯލިހު ވަނީ އެކަން ދޮގުކޮށްފަ އެވެ.