ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ "ޖަވާން" ފިލްމުގެ ބަތަލާ ނަޔަންތުރާ، އެ ފިލްމުގެ ޑައިރެކްޓަރު އަޓްލީއާ މެދު ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ހަބަރުތައް ބުނެފި އެވެ.
އެގޮތުން އަޓްލީ އެ ފިލްމު އިޝްތިހާރުކުރީ އޭނާގެ ފިލްމަށްވުރެ ބޮޑަށް ދީޕިކާ ޕަދުކޯންގެ ފިލްމެއްގެ ގޮތުގައި ކަމަށް ނަޔަންތުރާ ބުނެފައިވެ އެވެ.
ނަޔަންތުރާއަކީ ޖަވާންގެ ބަތަލާ ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އެ ފިލްމުގައި ދީޕިކާގެ ރޯލަށެވެ. ދީޕިކާ ޖަވާންގައި ފެނިގެން ދިޔައީ ހާއްސަ ފެނިލުމަކުންނެވެ.
ހަބަރުތައް ބުނާ ގޮތުގައި މިކަމާ ގުޅިގެން "ޖަވާން"ގެ ޓީމުގެ މެދުގައި ކޯޅުންގަނޑެއް އުފެދިފައިވާއިރު ދެކުނު އިންޑިއާގެ އެކްޓަރެއް ކަމަށްވާ ނަޔަންތުރާ އިތުރު ބޮލީވުޑް ފިލްމެއް ނުކުޅެން ވެސް ވަނީ ނިންމާފަ އެވެ.
މިކަމާ ގުޅިގެން "ޖަވާން" ޓީމުގެ އެއްވެސް މެމްބަރަކު އެއްވެސް އެއްޗެއް ބުނެފައިނުވާއިރު ނަޔަންތްރާ ވަނީ އަޓްލީގެ އުފަންދުވަހުގެ ތަހުނިޔާ ވެސް ކިޔާފަ އެވެ.
ޓީމުގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުނު ކަމަށް ބުނެވުނު ނަމަވެސް ޖަވާން އަންނަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތައް ހޯދަމުންްނެވެ. އެގޮތުން އެ ފިލްމަށް މިހާތަނަށް 1000 ކްރޯޑް ރުޕީސްއާ ގާތްކުރާ އަދަދަކަށް އާމްދަނީ ލިބިފައިވެ އެވެ.