މޭ އެނދުމުގެ އުނދަގުލުން ސަލާމަތްވާން އެތައް މިލިއަން ބަޔަކު ކައި އުޅޭ ބައެއް ބޭސްތަކުން އުމުރު ކުރުވެދާނެ ކަމަށް ބޮޑު ދިރާސާއަކުން ދައްކައިފި އެވެ.

މި ބޭސްތަކަކީ ޕްރޮޓޯން ޕަމްޕް އިންހިބިޓާޒް ނުވަތަ ޕީޕީއައިގެ ގޮތުގައި މަޝްހޫރު ވެފައިވާ ބޭސްތަކެކެވެ. މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސަތަކުން ވެސް މި ބޭސް ކެއުމުން އިތުރު ސިއްހީ މައްސަލަތައް ދިމާވާކަން ހާމަވެފައިވެ އެވެ. އޭގެ ތެރޭގައި ކިޑްނީ ހަލާކުވުމާއި ކަށިތަކުގައި ރެނދުލުން އަދި ހަނދާން ނެތޭ ބަލި ފަދަ ބަލިތައް ޖެހުން ހިމެނެ އެވެ.

މިއީ މޭ އެންދުމާއި ގޮހޮރު ފާރުވުން އަދި ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ ތަފާތު މައްސަލަތަކަށް ވަރަށް އާއްމުކޮށް ލިޔެދޭ ބޭސްތަކެކެވެ. ނަމަވެސް ސައިންސްވެރިން ބުނަނީ މި ބޭސް ލިޔެދިނުމުގައި މިހާރަށް ވުރެ ހަރުކަށިވާންވީ ވަގުތު އަތުވެއްޖެ ކަމަށެވެ.

މި ބޭސްތައް ބޭސް ސިޓީއާ ނުލައި ވެސް އާއްމުކޮށް ޕްރިލޮސެކް، ޕްރިވޭސިޑް އަދި ޒެގެރިޑް ފަދަ ނަންނަމުގައި ލިބެން ހުރެ އެވެ.

ސައިންސްވެރިން މި ދިރާސާ ކޮށްފައިވަނީ ޕީޕީއައިގެ ތެރޭގައި ހިމެނޭ ކޮންމެވެސް އެއް ބޭހެއް ބޭނުންކުރާ 250،000 މީހުންނާއި އެޗްޑީ ބްލޮކާޒް ކިޔާ މީގެ އެހެން ކްލާހެއްގެ ބޭސް ބޭނުންކުރާ 75،000 މީހުންގެ މެދުގަ އެވެ.

އެމެރިކާގެ ވޮޝިންޓަން ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސާ އަދި ދިރާސާގެ ސީނިއާ އާތާ ޑރ. ޒިޔާދު އަލް-އަލީ ވިދާޅުވި ގޮތުގައި މި އެންމެންގެ މައުލޫމާތުތައް އެކި ގޮތްގޮތުން ބެލިއިރުވެސް ޕީޕީއައި ކްލާސްގައި ހިމެނޭ ބޭސްތައް ބޭނުންކޮށްފައިވާ މީހުންގެ އުމުރު ކުރުކަން ނޫން އެހެން ކަމެއް ފާހަގައެއް ނުކުރެވުނެވެ.

ގިނަ މީހުން ގަބޫލުކުރަނީ ޕީޕީއައި އަކީ ފަސޭހައިން ލިބެން ހުންނަ އަދި ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ވާތީ އެއީ ވަރަށް ރައްކާތެރި އެއްޗެއް ކަމަށެވެ. ނަމަވެސް ހަގީގަތުގައި މި ބޭސް ދިގު މުއްދަތަކަށް ބޭނުންކުރުމުން ލިބޭ ނުރައްކާ ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.