ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން ފެނިފައިވާ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ ދާދި ފަހުން މުމްބާއީގެ އައްސޭރިފަށުން ގަތް ގެ އާއްމުންނަށް ދައްކާލައިފި އެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ސޮނާކްޝީ ވަނީ އޭނާގެ އާ ގޭގެ އިންޓީރިއާއާއި ތަފާތު ސިފަތައް އާއްމުންނަށް ދައްކާލާފަ އެވެ.

އެގޮތުން އޭނާގެ ގެއަކީ މޫވަބަލް ވޯލްސް އެކުލެވޭހެން ގޭގެ ފާރުތައް ބޭނުން ގޮތަކަށް އެތުރޭ ގޮތަށް ހަދާފައިވާ ގެއެއް ކަމަށް ސޮނާކްޝީ ބުންޏެވެ.

އެ ޕޯސްޓްގައި ސޮނާކްޝީ އިތުރަށް ބުނީ އަމިއްލަ ފައިސާއިން ގެއެއް ގަތުމުގެ ވާހަކަ އޭނާގެ ބައްޕަ އަބަދުވެސް ދައްކާ ކަމަށާއި އެހެން ކަމުން އެއީ އޭނާގެ ހުވަފެނެއް ކަމަށެވެ.

މިދިޔަ މެއި މަހު 4000 އަކަފޫޓުގެ އެ ގެއަށް ބަދަލު ވުމުގެ ކުރިން ސޮނާކްޝީ ދިރިއުޅެމުން އައީ އޭނާގެ މައިންބަފައިންނާ އެކު އެއް އިމާރާތެއްގަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ސޮނާކްޝީ އެންމެ ފަހުން ފެނިފައިވަނީ ނެޓްފްލިކްސްގެ ވެބް ސީރީޒް "ދަހާޑް" އިންނެވެ. އެ ސީރީޒްގައި އޭނާ ދައްކުވައިދިން ރޯލަށް ގިނަ ބައެއްގެ ތައުރީފް ލިބިފައިވެ އެވެ.