ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއެކު ރިޔާސީ އިންތިހާބަށް ނިކުމެ މިތިބީ މިގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ގުޅުއްވަން އުޅުއްވާ ޚަބަރުތައް ލިބެމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވުމާ ގުޅިގެން އޭނާގެ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
އެމްޑީޕީއާއި އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭއިން ޑރ. މުއިއްޒުއަށް ތާއީދުކުރަން ނިންމުމާ ގުޅިގެން ތޯރިގު ވިދާޅުވީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް އަށް ވިސްނޭ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ޝެއިޚް އިމްރާން، ޑރ. މުއިއްޒާ ގުޅުއްވަން އުޅުއްވާ ހަބަރުތައް ލިބެމުން އަންނަ ކަމަށް ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި އެއްވެސް ޕަސެންޓެެއް އަދާލަތު ޕާޓީއަށް ދެވެން ނެތް ކަމަށެވެ.
"އަންނަންޏާ އާދޭ، ކުރާ މަސައްކަތަށް ކޮންމެސް އުޖޫރައެއް ލިބިދާނެ ތޯއްޗެއް،" ތޯރިގު ވިދާޅުވި އެވެ.
ތޯރިގުގެ އެވާހަކަ ތަކަށް ރައްދު ދެއްވައި އިމްރާން ވަނީ ތޯރިގުއަށް އުޅުއްވަނީ ހުވަފެނެއް ފެނިގެންތޯ ސުވާލު ކުރައްވާފަ އެވެ. އަދި ރައީސް ސޯލިހުއާއެކު ނިކުމެ މިތިބީ މިގައުމާ ރައްޔިތުންގެ ހައްގުގައި ކަމަށް އިމްރާން ވިދާޅުވި އެވެ.
މި އިންތިޚާބުގަ އިދިކޮޅު ޕީޕީއެމް ކޯލިޝަން ފެންނަނީ ގައުމާ ރައްޔިތުންނަށް ހުރި ބިރުވެރި ނުރައްކަލެއްގެ ގޮތުގައި ކަމަށް އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީއަކީ އެމްޑީޕީއާއި އެކު ކޯލިޝަން ހެދި ފުރަތަމަ ޕާޓީ އެވެ. އަދި އޭގެ ފަހުން ސިޔާމްގެ އެމްޑީއޭ އިން ވަނީ ރައީސް ސޯލިހުއާއެކު ކޯލިޝަން ހަދާފަ އެވެ.
އެހެން ނަމަވެސް ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް 3 ދުވަހަށް ވެފައި ވަނިކޮށް އެމްޑީއޭއިން ރޭ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވާ ނިންމާފައި ވަނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ތާއީދުކުރުމަށެވެ.
ތިޔަ އިމްރާނަށްވުރެ ބޮޑު ނުރައްކަލެއް ނެތް! ތިޔައީ ރައްޔިތުންނަށް އޮޅުވާލި ބޮޑު ދޮގުވެރިއެއް!
އިމުރާނަ އަދި މިސަރުކާރައް ވުރެ ބޮޑު ނުރައްކަލެއް ނެއް
ޢިމްރާނަކީ ރައްުޔިތުންގެ ތާއީދު ލިބުނު ބޭފުޅެއް. ނަމަވެސް އަމިއްލަ އެދުންބޮޑުވީމާ އަދި ދެ އަނގައިން ވާހަކަ ދައްކައި ފެންނަންހުރި ބޮޑެތި ދޮގު ހަދާތީ މީގެއިތުރުން ޤައުމު ފަސާދަ ކުރާތީ އިމްރާނަށް އެއްގޮތަކަށް ވެސް އިތުބާރެއް ނުކުރޭ.