ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފި އެވެ.

އޭނާ އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން ހާމަކޮށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ސިޓީ ފޮނުއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ސިޓީގައި ހައިތަމް ވިދާޅުވީ، އޭނާ އެމްޑީޕީއާ ގުޅުނީ މި ގައުމަށް ހިދުމަތްކޮށް ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އެތަކެއް ހައްގުތަކެއް ހޯދައިދިނުމަށްޓަކައި ފެށި އިންސާފުގެ ދަތުރުގެ ބައިވެރިއެއްގެ ގޮތުން ކަމަށެވެ. އަދި އެމްޑީޕީގައި ހޭދަކުރި މުއްދަތުގައި ވަފާތެރިކަމާއި، އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ހައްގު ހޯދައި ދިނުމަށް އެތަކެއް މަސައްކަތެއް މަޖިލީހުގެ ތެރެއިން ވެސް ކުރި ކަމަށެވެ. އެގޮތުން ހައިތަމް މަޖިލީހަށް ހުށަހެޅި ބައެއް މައްސަލަތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައާއި، ކޮވިޑްގައި ފެންމަތިވި ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައާއި، އެންޑީއޭ އިސްލާހު ކުރުމުގެ މައްސަލަ އަދި ރާއްޖޭގެ ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ އަދި ނިޔާވަމުންދާ މައްސަލަ ހިމެނެ އެވެ.

"މި މައްސަލަތަކަކީ ސީދާ ދިވެހި ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާ މުހިންމު ކަންތައްތަކަކަށް ވީހިނދު، އަދި ވެރިކަންކުރާ މައި ޕާޓީ ކަމުގައި އެމްޑީޕީ ވީހިނދު، މިކަންކަމަށް ރަނގަޅު އަހައްމިއްޔަތު ކަމެއް ދެވި އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އަޅުގަނޑަށް ޕާޓީގެ ލީޑަޝިޕްގެ ފަރާތުން އެންމެ ފުރިހަމަ އެއްބާރުލުމެއް ލިބިފައިނުވާކަން ހިތާމައާއެކު ފާހަގަކުރަމެވެ،" ސިޓީގައި ބުނެފައިވެ އެވެ. "ވުމާއެކު، އަޅުގަނޑަށް ގަބޫލުކުރެވެނީ މި ޕާޓީ އަށްވެސް އަދި އަޅުގަނޑަށް ވެސް އެންމެ ރަނގަޅު ގޮތަކީ، އަޅުގަނޑަށް ގަބޫލު ކުރެވޭ އުސޫލުތަކެއް ނެތް ޕާޓީއަކުން ވަކިވުމެވެ."

ހައިތަމް ވިދާޅުވި ގޮތުގައި ސިޔާސީ އެހެން ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް މިވަގުތު އޭނާގެ ނެތެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ވަނީ އެމްޑީޕީން ވަކިވެ އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.

މީގެކުރިން އެމްޑީޕީގެ އެހެން 12 މެމްބަރަކު އެ ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ވެސް އުފެއްދި އެވެ. ނަމަވެސް އޭގެ ތެރެއިން ދެ މެމްބަރަކު ވަނީ ފަހުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.