ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޓިކެޓު އަރުވައިފަ އެވެ. އޭގެ ފަހުން، މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި އެމަނިކުފާނަށް ވަނީ 11 އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ފަހު ގަޑިއާ ޖެހެންދެން ވެސް ޕީޕީއެމާއި ޕީއެންސީގެ ސަޕޯޓަރުން ގަބޫލްކުރީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށެވެ. ދެ ޕާޓީގެ ލީޑަޝިޕުން ވެސް އާއްމު މެންބަރުންނަށް ވިސްނައިދެމުން ދިޔައީ އެގޮތަށެވެ. އެހެންވެ ރިޔާސީ ޓިކެޓުގެ ދަހިވެތިކަމުގައި ލީޑަޝިޕުގެ އެއްވެސް ބޭފުޅަކު ފާޅުގައި އުޅުއްވައިފައެއް ނުވެ އެވެ.
އެކަމަކު އޭރު ވެސް އެއްކަމެއް ޑރ. މުއިއްޒު ގަބޫލްކުރެއްވި ކަމަށް މިހާރު ވެސް ޔަގީނާ ގާތަށް އެނގެ އެވެ. ރައީސް ޔާމީން ސަލާމަތް ވެގެން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ކުޑަކަމެވެ؛ ރައީސް ޔާމީނަށް ވާދަކުރެއްވޭނެ ކަމަށް ޕާޓީގެ ލީޑަޝިޕުން ބުނަމުން ދިޔައީ އާއްމުން ހިތްހަމަޖެއްސުމަށެވެ. އެހެންވެ ބެލެވެނީ ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭން މާދުރާލައި ރާއްވަވައި ޕްލޭންތައް ހައްދަވާފައިވާ ކަމެވެ.
ރައީސް ޔާމީން ފިޔަވައި އެހެން ބޭފުޅަކު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ނިޔަތް ގަތުން ވެސް "ކުށަކަށް" ހަދާފައިވާ ދުވަސްވަރެއްގައި މުއިއްޒު އެ ހުރިހާ ކަމެއް އެހާ ސިއްރިއްޔާތުގައި ކުރިއަށް ގެންދެވީ އެމަނިކުފާން މާބޮޑަށް ހުސިޔާރުވުމުންނެވެ. މާ ބޮޑަށް ސްމާޓެވެ. މިފަދަ ބައެއް ތުހުމަތުތަކާ ގުޅިގެން މުއިއްޒުގެ އަރިސް ބައެއް ބޭފުޅުންގެ މައްސަލަތައް ބަލައި ފިޔަވަޅު ވެސް އަޅާފައިވެ އެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން، މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މުއިއްޒަށް ލިބިވަޑައިގެންފައިވާ ބައެއް ބާރުތައް ކުޑަކުރަން ވެސް ކައުންސިލުން މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު އެކަމާ ގުޅިގެން މުއިއްޒު އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެ އެވެ. ހުންނެވީ ހިމޭނުންނެވެ. ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުގެ ވެސް ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.
ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއްގައި ޕާޓީގެ ޓިކެޓަށް ފެންބޮވައިގެންފައި ތިބި ކުޅަދާނަ އެތައް ބަޔަކު ޕީޕީއެމްގައި ތިއްބެވި އެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދެވެ. ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ. ރައީސް ޔާމީންގެ އެންމެ ފަހުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމެވެ. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ. މިނޫން ވެސް މިފަދަ އެތައް ބޭފުޅުންނެކެވެ.
މީގެ އިތުރުން މި ފަހަރުގެ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ އެމަނިކުފާން 2013 ގައި ވެސް އެ މަގާމު ދެއްވި ޑރ. ޖަމީލެވެ. އެހެންވެ ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމްގެ ޓިކެޓް ދޭނީ ޑރ. ޖަމީލަށް ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. އެ އުއްމީދުގައި، މަތީގައި ދެންނެވުނު ގިނަ ބޭފުޅުން ތިއްބެވީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ކުށުގެ ރެކޯޑް ސާފު ކުރައްވައި ފޯމު ވެސް ފުރުއްވައިގެންނެވެ. މަދުވީ ހަމައެކަނި ޕާޓީގެ ތައްގަނޑެވެ.
އިންތިޚާބަށް ކުރިމަތިލެއްވުމުގެ ސުންގަޑިހަމައަށް ކައިރިވަމުން ދިޔައިއިރު ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ދިޔައީ ކުރިއަށެވެ. ޕާޓީން ނިންމާފައި ވަނީ ޕްލޭން އޭ އަކީ ރައީސް ޔާމީން ކަމަށެވެ. ޕްލޭން ބީއަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމަށެވެ. އަދި ޕްލޭން ސީއަކީ ޕީއެންސީގެ ކެންޑިޑޭޓެއް ކަމަށެވެ. ރައީސް ޔާމީންގެ އިސް ވަކީލް ޑރ. ޖަމީލް ވެސް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައި އިސްކަން ދޭނީ ޕީޕީއެމްގެ އެހެން ކެންޑިޑޭޓަކަށް ކަމަށެވެ. ޕީއެންސީގެ ކެންޑިޑޭޓަކީ ވޯސްޓް ކޭސް ސިނާރިއޯ ކަމަށެވެ.
އެކަމަކު ކުރީގެ ރައީސުންނާއި ކުރީގެ ނައިބު ރައީސުން އަދި ކުރީގެ ރަނިންމޭޓުން ޓިކެޓުގެ ދަހިވެތިކަމުގައި ތިއްބަވަނިކޮށް ވޯސްޓް ކޭސް ސިނާރިއޯގެ ކެންޑިޑޭޓް މިވަނީ ޓިކެޓް ޔަގީންކޮށް އެންމެ ފަހުން އިންތިޚާބު ވެސް ކާމިޔާބު ކުރައްވައިފަ އެވެ.
ޑރ. މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ 2011 ވަނަ އަހަރު އަދާލަތު ޕާޓީންނެވެ. ޑިމޮކްރެސީގެ އާ ޒަމާނަކަށް ރާއްޖެ 2008 ވަނަ އހަަރު މިސްރާބު ޖެހިއިރު ޑރ. މުއިއްޒަކީ ކިޔަވާ ވިދާޅުވާން އުޅުއްވި ދަރިވަރެކެވެ. ތައުލީމީ ގޮތުން އެންމެ މަތީ ފާހަށް ފަހު ޑރ. މުއިއްޒު 2011 ވަނަ އަހަރު ގުޅިވަޑައިގެންނެވީ އަދާލަތު ޕާޓީއާ އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަކީ ޑރ. މުއިއްޒެވެ. އެމްޑީޕީގެ ސަރުކާރު ފެބްރުއަރީ 7، 2012 ގައި ވެއްޓުމާ އެކު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އޭރުގެ ނައިބު ރައީސް ޑރ. ވަހީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމަށް ހަމަ އެ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މުއިއްޒަށް ދެއްވި އެވެ. ދެހާސް ތޭރަގައި ގާއިމްކުރި ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރަކީ ވެސް ޑރ. މުއިއްޒެވެ. އެކަމަކު މި ފަހަރު ވަނީ އެ ސްލޮޓް ހޯއްދެވުމަށް ޕާޓީ ބަދަލުކުރައްވައި އެމްޑީއޭ އަށް ބަދަލުވެވަޑައިގެންފަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ވަނީ ޕީޕީއެމަށް ސޮއިކުރައްވައި އެ ޕާޓީގެ ނައިބް ރައީސްކަން ހޯއްދަވައިފަ އެވެ.
ދެހާސް އަށާރައިގެ އިންތިޚާބު އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނުން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. ޖެހިގެން އައި އަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަނީ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. އެހެންވެ ބެލެވިފައި ވަނީ އެ ފަސް އަހަރު ހުރިހާ އިންތިޚާބެއްގައި ވެސް ރަސްކަންކުރާނީ އެމްޑީޕީން ކަމަށެވެ. އެކަމަކު މި ހަގީގަތް މުއިއްޒު ވަނީ 2021 ވަނަ އަހަރު ބަދަލުކުރައްވައިފަ އެވެ. އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި ބެލެވުނު މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވައި 63 ޕަސެންޓުގެ ތަފާތު ބޮޑު ނަތީޖާއަކުން ޑރ. މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ ގިނަ ބަޔަކަށް ހައިރާން ކަމެކެވެ.
ސިޔާސީ ބައެއް ބޭފުޅުން ގަބޫލްކުރާ ގޮތުގައި އެއީ ވެރިކަމަށް ވަޑައިގަތުމަށް މުއިއްޒު އެޅުއްވި ފުރަތަމަ ފިޔަވަޅެވެ. އޭގެ ފަހުން ހުރިހާ ކަމެއް ކުރައްވަމުން ގެންދެވީ އެ މިސްރާބަށެވެ. ސިޓީ ކައުންސިލްގެ ގިނަ މަގާމުތަކަށް ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުން އައްޔަންކޮށް ސެނެޓުގެ އަޣުލަބިއްޔަތު ތާއީދު ހޯއްދެވުމުގެ މަސައްކަތް ފެއްޓެވި އެވެ. ރިޔާސީ ޓިކެޓުގެ ދަހިވެތިކަމުގައި ޕާޓީގައި ތިއްބެވި އެހެން ބޭފުޅުންނަށް ރޭކާވެސް ނުލައި ގޮތަށް މުއިއްޒު ހުރިހާ ކަމެއް ރާއްވަވައި ތަރުތީބު ކުރައްވަމުން ގެންދެވި އެވެ. އެންމެ ފަހުން އެ ހުރިހާ ޕްލޭނަކުން މަގު ފަހިކުރައްވަމުން ގެންދެވި ހަގީގީ މަގްސަދު އެ ވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކާމިޔާބު ކުރައްވައިފަ އެވެ.
ރައީސް ޔަމީންގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރު ޕީއެންސީގެ ކެންޑިޑޭޓަކީ އެންމެ ވޯސްޓް ކޭސް ސިނާރިއޯ ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވީ ނަމަވެސް ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަން ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު މުއިއްޒު ވަނީ ޓިކެޓް ހޯދުމަށް އަވަސްވެ ވަޑައިގެންފަ އެވެ.
އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވި ނަމަވެސް އެކަން ކާމިޔާބު ނުވީ ދެ ޕާޓީގެ ސެނެޓުގައި މުއިއްޒުގެ ކޮންޓްރޯލް އޮތްލެއް ބޮޑުކަމުންނެވެ. ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރެން ނިންމުމާ އެކު އޮގަސްޓް 3 ވަނަ ދުވަހު މުއިއްޒު ވަނީ ޕީޕީއެމް ދޫކުރައްވައި ޕީއެންސީ އަށް ސޮއިކުރައްވައި އެ ދުވަހުން އެ ދުވަށް ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވައިފަ އެވެ. ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ހޮވުމަށް މުއިއްޒާ ވާދަކުރެއްވި އާދަމް ޝަރީފުގެ ފަރާތުން ބޮޑު ޚަރަދެއް ކުރިކަމަށް ވެސް ވެ އެވެ. އެކަމަކު 48 މެންބަރުން ތިއްބަވާ ސެނެޓުގެ 25 ވޯޓު މުއިއްޒު ވަނީ މާކުރިން ކަށަވަރު ކުރައްވައިފަ އެވެ.
އޭރު ރިޔާސީ ޓިކެޓުގެ ބޭނުމުގައި ތިއްބެވި ބޭފުޅުންނަށް ވާނުވާ އަންގަލާ ނުލައި މުއިއްޒު ވަނީ ޓިކެޓް ޔަގީންކުރައްވައިފަ އެވެ. ބައެއް ބޭފުޅުންގެ ފޯމުގައި ޕާޓީގެ ތައްގަނޑު ޖަހާލުމުގެ ފުރުސަތު ވެސް ނުލިބުނެވެ. މުއިއްޒަށް ރިޔާސީ ޓިކެޓް ފަހިކޮށް ދިނުމުގައި ޕާޓީގެ ތެރޭން ކޮންމެ ވެސް އިސް ބޭފުޅެއްގެ އެހީތެރިކަން ލިބިފައިވާނެކަން ޔަގީނެވެ. މިހާރު ބެލެވޭ ގޮތުގައި އެއީ ދެ ޕާޓީ ވެސް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަބްދުއްރަހީމުގެ އެހީތެރިކަން ނުލިބުނު ނަމަ މުއިއްޒުގެ ރޭވުންތައް އެހާ ތަރުތީބުވެގެން ކުރިއަށް ނުދިޔައީހެވެ. ޕާޓީގެ ބައެއް ބޭފުޅުން ތުހުމަތު ކުރާ ގޮތުގައި މުއިއްޒު ވަނީ ރިޔާސީ ޓިކެޓް ޖަހައިގެންފަ އެވެ. އެ ހިތްހަމަނުޖެހުމުގައި ބައެއް ބޭފުޅުން ފޫކަހާފައި ދުރުގައި ވެސް ތިއްބެވެ. އެކަމަކު މިހާރު އެހެން ގޮތެއް ނެތިގެން މުއިއްޒުގެ މޮއިހިރަށް އަރަން މަޖްބޫރުވެއްޖެ އެވެ. މި ހުރިހާ ރޭވުމެއްގެ ފަހަތުގައި ވަނީ މުއިއްޒުގެ ހުސިޔާރުކަމެވެ.
މުއިއްޒަކީ ގާނޫނު އަސާސި ވުޖޫދުވި ފަހުން ސިޔާސީ މަސައްކަތުގައި އެންމެ ކުރު މުއްދަތެއްގައި އުޅުއްވުމަށް ފަހު ވެރިކަމަށް ވަޑަައިގަންނަވާ ރައީސް އެވެ. ދެހާސް އެގާރައިގައި ސިޔާސީ މަސައްކަތަށް ނުކުންނަވާ 12 އަހަރު ތެރޭ އެ ވަނީ ގައުމުގެ އެންމެ މަތީ މަގާމަށް ވަޑައިގެންފަ އެވެ. ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ލިބިވަޑައިގެންނެވީ އިސްލާހީ އަދި ސިޔާސީ މަސައްކަތުގައި ގާތްގަނޑަކަށް 18 އަހަރު ހޭދަކުރެއްވި ފަހުންނެވެ. ރައީސް ޑރ. ވަހީދަށް 2012 ވަނަ އަހަރު ވެރިކަން ލިބިވަޑައިގެންނެވީ 1989 ވަނަ އަހަރު އެމަނިކުފާން މާލޭގެ މަޖިލިސް މެންބަރުކަމުގެ މަގާމާ އެކު ފެއްޓެވި ސިޔާސީ މަސައްކަތާ އެކު 23 އަހަރު ފަހުންނެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާން 1993 އަހަރު، ބޭބޭފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ފެއްޓެވި ސިޔާސީ މަސައްކަތަށް 20 އަހަރު ފުރުނު ފަހުން 2013 ގައި ރައީސްކަން ހޯއްދަވައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމަށް ވަޑައިގެންނެވުނީ މަޖިލިސް މެންބަރެއްގެ ގޮތުގައި 25 އަހަރު ހޭދަކުރެއްވި ފަހުންނެވެ.
ޑރ. މުއިއްޒަކީ މަޖީދިއްޔާ ސްކޫލާއި އޭރުގެ އެސްއީސީގައި ތައުލީމް ހާސިލްކުރެއްވި އިރު ވެސް ވަރަށް ތޫނުފިލި ދަރިވަރެކެވެ. ރައީސްގެ ސްކޮލަޝިޕުގެ ދަށުން ލަންޑަން ޔުނިވާސިޓީން ޑރ މުއިއްޒު ވަނީ ސްޓްރަކްޗަރަލް އިންޖިނޭރުންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އިނގިރޭސި ވިލާތުގެ ލީޑްސް ޔުނިވާސިޓީން މާސްޓާސް އަދި ޕީއެޗްޑީ ހާސިލް ކުރެއްވީ ސިވިލް އިންޖިނޭރިންގެ ރޮނގުންނެވެ. ރާއްޖޭން ބޭރުގައި ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރު ޑރ. މުއިއްޒު ވަނީ އިނގިރޭސި ވިލާތުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ ޖަމިއްޔާގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވައިފަ އެވެ.
ޑރ. މުއިއްޒުގެ ބައްޕާފުޅަކީ ރާއްޖޭ ވަރަށް މަޝްހޫރު ދީނީ އިލްމުވެރިއެކެެވެ. ހއ. ވަށަފަރު އަލް ހާއްޖަ ހަސަން ޚަތީބު ތަކުރުފާނުގެ އަލް މުހުތަރަމް އަބްދުއްރަހުމާނުގެ ފަޟީލަތުއް ޝެއިޚް ހުސަން އަބްދުއްރަހާން އެވެ. ޑރ. މުއްޒަކީ ޝެއިޚް ހުސަން އަބްދުއްރަހުމާންގެ ހަމައެކަނި ބޭފުޅާ އެވެ. ހުސައިން އަބްދުއްރަހުމާން ވަނީ މީގެ 50 ވަރަކަށް އަހަރު ކުރިން މިސްރުގެ އަލް އަޒުހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ބީއޭ ފާސް ނަންގަވައިފަ އެވެ. އަރަބި ބަހުގެ އިތުރުން އުރުދޫ، އިނގިރޭސި، ފަރެންސޭސި ބަސް ދެނެވަޑައިގަންނަވާ އިލްމުވެރި ބޭފުޅެކެވެ.
ދިވެހި ރާއްޖޭގެ ހައި ކޯޓަށް 1980 ވަނަ އަހަރު ރައީސް މައުމޫން ހައްޔަން ކުރެއްވި ތިން ފަނޑިޔާރުންގެ ތެރޭގައި ޑރ. މުއިއްޒުގެ ބައްޕާފުޅު ހުސައިން އަބްދުއްރަހުމާން ހިމެނިވަޑއިގަންނަވަ އެވެ. އޭރު މުއިއްޒުގެ އުމުރުފުޅުން ވާނީ ގާތްގަނޑަކަށް ދެ އަހަރެވެ. ހައި ކޯޓަށް ދެން އައްޔަން ކުރެއްވީ އުއްތަމަ ފަނޑިޔާރު ޝެއިޚް މޫސާ ފަތުހީ އާއި ފަނޑިޔާރު ޝެއިޚް ހުސައިން ޔޫސެވެ. (މަޖިލިސް މެމްބަރު ހިސާން ހުސައިންގެ ބައްޕާފުޅު).
ޝެއިޚް ހުސައިން އަބްދުއްރަހުމާން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ އޮފް ރިލިޖަސް އެޑިކޭޝަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދި ވަރަށް ގިނަ ދުވަސްވަންދެން އިމާމުވެ ހުކުރު ކުރެއްވި އެވެ. ޝެއިޚް ހުސައން އަބްދުއްރަހުމާން ކުއްލި އާލާސްކަންފުޅެއްގައި އަވަހާރަވީ 2015 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގެން އުޅުއްވަނިކޮށް އެ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅު މައްކާގަ އެވެ. އޭރު ބައްޕާފުޅުގެ އަރިހުގައި މުއިއްޒު ވެސް އެ އަހަރު ހައްޖަށް ވަޑައިގެންނެވި އެވެ.
ޑރ. މުއިއްޒުގެ މަންމާފުޅަކީ މާލޭގެ ބޭފުޅެކެވެ. ނަމަވެސް މުއިއްޒުގެ ހަޔާތުގެ ވަރަށް ޅަފަތުގައި ބައްޕާފުޅާއި މަންމާފުޅުގެ ކައިވެނި ވަނީ ނިމުމަކަށް އައިސް އެވެ. ބައްޕަ ދެން ދިރިއުޅުއްވީ ސްރީ ލަންކާގެ ބޭކަނބަލަކާ ކައިވެނި ބައްލަވައިގެންފަ އެވެ. އުމުރުގެ ކުރީކޮޅު ވަށަފަރުގައި ވެސް، މުއިއްޒު ދިރިއުޅުއްވި ކަމަށްވެ އެވެ. ޕްރައިމަރީ ތައުލީމް ނިންމެވީ މަންމަގެ އަރިހުގައި ހުންނަވައިގެންނެވެ. އޭގެ ފަހުން ސެކަންޑަރީ ތައުލީމް ފުރިހަމަ ކުރެއްވީ ބައްޕާފުޅުގެ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައި ހުންނަވައިގެންނެވެ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ތައުލީމަށް ބައްޕާފުޅު ވަނީ ބޮޑު ހޭދައެއް ކުރައްވައިފަ އެވެ.
ޑރ. މުއިއްޒު ކައިވެނިބައްލަވައިގެން އުޅުއްވަނީ ދީނީ އިލްވެރިޔާ ޝެއިޚް މުހައްމަދު އިބްރާހިމް (ޖަނާބު) ގެ ދަރިކަނބަލުން ސާޖިދާ މުހައްމަދު އާ އެވެ. ދެ ބޭފުޅުންގެ ކައިވެންޏަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.