ރިޔާސީ އިންތިހާބާއި ގުޅިގެން މާދަމާ ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މާދަމާ ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސް ސޯލިހު ހަމަޖެއްސީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްތިޔުން ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ މާދަމާ އަކީ ވެސް ބަންދު ދުވަހެއް ކަމަށް ހަމަޖަައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން މިއަދަކީ ވެސް ސަރުކާރު ބަންދު ދުވަހެކެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ވެސް ސަރުކާރުން ވަނީ ބަންދު ދެ ދުވަސް ހަމަޖައްސަވައިފަ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ރައީސް ރޭ ވަނީ ބަލި ގަބޫލުކުރައްވައި، މުއިއްޒަށް މަރުހަބާ ދަންނަވައިފަ އެވެ.