ކުރީގެ ރައީސް ޔާމީން މިއަދު ގެއަށް ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއެކު ރައީސް ސޯލިހު ބޭއްވި ބައްދަލުކުރެއްވުމަށްފަހު އެވެ.

ސަރުކާރުން މިހާރު އަންނަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

ޕީޕީއެމްއިން ބުނީ ރައީސް ޔާމީން މެންދުރުފަހު ވަގުތެއްގައި ގެއަށް ބަދަލުކުރާނެ ކަމަށެވެ.

ރައީސް ޔާމީން މިއަދުގެ ވަގުތެއްގައި ގެއަށް ބަދަލުކުރުމަށް ނިންމާފައިވާއިރު އިއްޔެ ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ޔާމީން ގެއަށް ބަދަލުރައްވަން ރައީސް ސޯލިހު ކިބައިން އެދިފަ އެވެ.

"ރައީސަށް ދަންނަވާލަން، ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް. އެއީ ރައީސަށް ގާނޫނީ ގޮތުން ލިބޭނެ ބާރެއް." ރޭގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެކަމަކީ ގައުމުގެ މަސްލަހަތައްޓަކައި ކޮންމެހެން ކުރައްވަން ޖެހޭ ކަމެއް ކަމަށެވެ.

ޑރ. މުއިއްޒު އެމަނިކުފާނުގެ ކެމްޕެއިންގައި ވެސް ވިދާޅުވެފައިވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ އެންމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކަމަށެވެ.

އަދި ކުރިއަށް މިއޮތް ދުވަސްތަކަކީ ރައްޔިތުން އުންމީދުކުރާ ކަންކަން ގެނެސްދޭނެ ދުވަސްތަކެއް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގަ އެވެ. އެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވާފައެވެ. މިމައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.