ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް ހަސަން ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ އަށް ދިޔައީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.

ހަސަން ލަތީފް "އެކްސް" ގައި ވަރަށް ކުރުކޮށް ވިދާޅުވީ ދެން އުފެދޭ ޑރ. މުއިއްޒުގެ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެކަމާ ގުޅޭގޮތުން ޕީޕީއެމްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން ޕީޕީއެމްގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.

ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް ދެ ޕާޓީ މަޝްވަރާކުރި ނަމަވެސް ކޯލިޝަނެއް ނުހަދަ އެވެ.

ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ މަޝްވަރާގައި ޑިމޮކްރެޓްސް އިން ހުށަހެޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. އެހެން ނަމަވެސް އެކަމަށް ޕީޕީއެމް އިން އެއްބަސްނުވުމުން މަޝްވަރާތައް ހުއްޓާލި އެވެ.

ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 18،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން ކާމިޔާބު ކުރައްވާފައި ވަނީ ޑރ. މުއިއްޒު އެވެ.