އަންނަ އަންގާރަ ދުވަހުން ފެށިގެން މާލޭ ރައްޔިތުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރީގެ ސީއެޗްއެސްއީ އިމާރާތުގައި ކުރިއަށްދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މާލޭ ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް މީގެކުރިން ކުރިއަށްގެންދިޔައީ ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރަތަމަ ފުރުސަތުގައި ޝަރުތު ހަމަވީ 19639 މީހުންނަށް ގޯތި ލިބުނެ އެވެ. އެއީ 9000އަށް ވުރެ ގިނަ ބިމެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިން ދީފައިވެ އެވެ.

މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެ އެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރަނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

މީގެއިތުރުން މާލޭގައި 20 އަހަރު އުޅެފައި ތިބި މީހުންނަށް ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.