ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ފަހު އަލުން ޕާޓީއާ ގުޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ 99 ޕަސެންޓް މެންބަރުން ދެކޮޅު ކަމަށް ރައީސް މިއަދު ވިދާޅުވި. އަދި ރާއްޖެ ގެންނަން ނަޝީދު ވަކާލާތު ކުރައްވާ ބަރުލަމާނީ ނިޒާމަށް ވެސް ގައުމީ މަޖިލީހުގެ 99 ޕަސެންޓް މެންބަރުން ދެކޮޅު ކަމަށް ވިދާޅުވި.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅުމަށާއި ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނޭ މެންބަރުންގެ ތެރޭން 99 ޕަސެންޓް ދެކޮޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ގެެއްލުވުމާލުމަށް ވަރަށް ފާޅުގައި މަސައްކަތް ކުރެއްވުމަށް ފަހު ނަޝީދު މިހާރު ވަނީ ގައުމީ މަޖިލީހުގެ 50 ޕަސެންޓް މެންބަރުން ތާއީދުކުރާ ނަމަ އަލުން ޕާޓީއާ ގުޅެން ބޭނުން ކަމަށް ވިދާޅުވެ ރައީސް އަށާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް މެސެޖް ކުރައްވައިފަ އެވެ.

ފައްޔާޒު ވަނީ އެ މެސެޖް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައި ހިއްސާކުރައްވައިފަ އެވެ. އެއާ އެކު ބައެއް މެންބަރުން ވަނީ އިއްޔެ ޚިޔާލު ފާޅު ކުރައްވައިފަ އެވެ. ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވެފައި ވަނީ ގައުމީ މަޖިލީހުގެ އެންމެން ތާއީދުކުރި ނަމަވެސް އޭނާ އެކަނި ނަމަވެސް އެ ހުށަހެޅުމާ ދެކޮޅު ހައްދަވާނެ ކަމަށެވެ. އަނެއް ބައި މެންބަރުން ވަނީ ނަޝީދު އަނބުރާ ޕާޓީ އަށް ވައްދައިފި ނަމަ އެމްޑީޕީން ވަކިވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފައްުޔާޒު ވިދާޅުވެފައި ވަނީ ރައްޔިތުން އިންތިޚާބުކުރި އާ ރައީސް އަށް ވެރިކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށާއި އެހެންވެ ބަރުލަމާނީ އަށް އޮތީ ނޯ ޖެހުން ކަމަށެވެ.

"ތިޔަ ވިދާޅުވާހެން ގައުމީ މަޖިލީހުގައި (ގައުމީ މަޖިލީހުގެ ގްރޫޕުގައި) އަޅުގަނޑު އިންނަން. މަޖިލީހުގެ މެންބަރުންގެ ރޫހު ހުރިގޮތް އަޅުގަނޑަށް ފެނޭ. ގަތްގަނޑަކަށް އަޅުގަނޑަށް ދެންނެވިދާނެ 99 ޕަސެންޓް މިހާތަނަށް ނޫނެކޭ (ނަޝީދަށް) ބުނަމުން އަންނަނީ. ބަރުލަމާނީ އަށް ވެސް ހަމަ ނޫނެކޭ ބުނަމުން އަންނަނީ. އެއީ ދެން މަޝްވަރާގެ ތެރެއިން ކުރެވޭނެ ކަންކަން. އެކަމަކު މިހާތަނަށް ޝުއޫރު ހުރި ގޮތް މި ދަންނަވާލީ. އެކަމަކު އަޅުގަނޑު އެއަކު އަދި އެއްޗެއް ނުބުނަން،" އިންތިޚާބަށް ފަހު ރައީސް އޮފީހުގައި މިއަދު ހެނދުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

"ތިޔަ ވިދާޅުވާހެން ގައުމީ މަޖިލީހުގައި (ގައުމީ މަޖިލީހުގެ ގްރޫޕުގައި) އަޅުގަނޑު އިންނަން. މަޖިލީހުގެ މެންބަރުންގެ ރޫހު ހުރިގޮތް އަޅުގަނޑަށް ފެނޭ. ގަތްގަނޑަކަށް އަޅުގަނޑަށް ދެންނެވިދާނެ 99 ޕަސެންޓް މިހާތަނަށް ނޫނެކޭ (ނަޝީދަށް) ބުނަމުން އަންނަނީ. ބަރުލަމާނީ އަށް ވެސް ހަމަ ނޫނެކޭ ބުނަމުން އަންނަނީ. އެއީ ދެން މަޝްވަރާގެ ތެރެއިން ކުރެވޭނެ ކަންކަން. އެކަމަކު މިހާތަނަށް ޝުއޫރު ހުރި ގޮތް މި ދަންނަވާލީ. އެކަމަކު އަޅުގަނޑު އެއަކު އަދި އެއްޗެއް ނުބުނަން،
ރައީސް ސޯލިހު

ރައީސް ވިދާޅުވީ ނަޝީދުގެ އެ މެސެޖް އެމަނިކުފާނަށް ވެސް ފޮނުއްވާފައިވާ ކަމަށާއި އެކަމަކު މުހިންމީ ވަކި މީހަކު ޕާޓީގައި ހުރުމާއި ނެތުން ނޫން ކަމަށެވެ.

"ޕާޓީ އެއަށް ވުރެ ވަރުގަދަ. ވަކި މީހަކު ގޮސް ވަކި މީހަކު އައިސްގެން ވާކަމެއް ނޫން މިއީ. އެމްޑީޕީ އަކީ އެއަށް ވުރެ މާގަދަ ހަމަތަކާއި އުސޫލުތަކެއްގެ މަތިން ތަރުތީބު ވެގެން ހިންގާ ޕާޓީއެއް. އަޅުގަނޑު ނެތަސް ޕާޓީ ހިނގާނެ. ވަކި މީހަކު ޕާޓީއަށް ގެނައުމަކީ މިވަގުތަށް މުހިންމު ކަމެއް ނޫން،" ނަޝީދުގެ ހުށަހެޅުމަށް ނުސީދާ ގޮތެއްގައި ރައީސް ޖަވާބު ދެއްވި އެވެ. "ޕާޓީ އަށް ވަންނަން ބޭނުންވާ ބޭފުޅަކު ފޯމު ފުރާފައި ޕާޓީއަށް ހުށަހެޅުމުން، ޕާޓީ އެތެރޭގެ އެ އޮންނަ އުސޫލުތަކުގެ ތެރެއިން އެއީ ޕާޓީއަށް ވައްދަން ފެންނަ ފަރާތެއް ކަމަށް އެ ގުނަވަނަކަށް ފެނިއްޖިއްޔާ އެ އޮންނަ އުސޫލެއްގެ ތެރެން އެކަން ކުރިއަށްދާނެ."

ރިޔާސީ އިންތިހާބަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.. ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އެމްޑީޕީ އަށް މެންބަރުން ވަނުމުގައި ކަންކުރަންވީ ގޮތުގެ އުސޫލެއް އޮންނަ ކަމަށާއި ކޮންމެހެން އެއީ ވަކި ގުނަވަނެއްގެ ވަކިވަރެއްގެ ތާއީދު އޮވެގެން ކުރާކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ތާއީދު ކުރައްވަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއީ އެމަނިކުފާން މިވަގުތު ނިންމަވާފައިވާ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާން އަބަދުވެސް މަސައްކަތް ކުރާނީ އެމްޑީޕީ އަށް ފައިދާ ހުރި ގޮތަށް ކަމަށާއި ވަކި މީހަކަށް ނޫން ކަމަަށް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރާނީ އެމްޑީޕީގެ މުސްތަގްބަލަށް ޓަކައި ކަމަށާއި ސަބަބަކީ އެމްޑީޕީއަކީ އެމަނިކުފާނު ވެސް ހިމެނޭ ގޮތަށް އެތައް ބަޔަކު ގުޅިގެން އުފެއްދި ޕާޓީއަކަށް ވާތީ އެވެ.

ރައީސް ނަޝީދާއި އެމްޑީޕީއާ މައްސަލަ ޖެހުމުގެ ފެށުމަކީ ދައުރުގެ މެދުތެރޭން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ރައީސް އެއްބަސްވެވަޑައި ނުގަތުމުންނެވެ. އޭގެ ފަހުން މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ފަހުން ނަޝީދު ވަނީ ސީދާ ޕާޓީއާ ދެކޮޅަށް މަސައްކަތް ފައްޓަވައިފަ އެވެ. އަދި އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި ރިޔާސީ އިންތިޚާބަށް ވެސް ވަނީ ކެންޑިޑޭޓެއް ނެރުއްވައިފަ އެވެ. ބޭނުމަކީ އިންތިޚާބުގައި އެމްޑީޕީ އަށް ލިބޭ ވޯޓު ބައިބައިކުރުން ކަމަށް އެތައް ބަޔަކު އެއްބަސްވެ އެވެ. ކެމްޕޭނުގައި ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފަ އެވެ.

ޑިމޮކްރެޓްސް އިން އައްޑުގައި ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން

އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އަށް ލިބުނު 15 ވަރަކަށް ހާސް ވޯޓާ އެކު އެ ޕާޓީން ވަނީ ދެވަނަ ބުރުގެ ވޯޓުގެ ކުރިން ބަރުލަމާނީ ގެންނަން ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްވާ ޕާޓީއަކަށް ދެވަނަ ބުރުގައި ތާއިދުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެއްވެސް ޕާޓީއަކުން އެކަމަށް އެއްބަހެއް ނުވެ އެވެ. އެހެންވެ ޑިމޮކްރެޓްސް އިން ވަކި ކޮޅަކަށް ތާއީދުކުރަން ނުނިންމި ނަމަވެސް އެ ޕާޓީގައި ހިމެނޭ ނަޝީދުގެ އަރިސް ބޭފުޅުން ދެވަނަ ބުރުގައި މަސައްކަތް ކުރެއްވީ ސީދާ ރައީސް ސޯލިހާ ދެކޮޅަށެވެ.

އެކަމަކު އިންތިޚާބު ނިމުމާ އެކު ނަޝީދު މިވަނީ އެމްޑީޕީއަށް ވަންނަން ބޭނުންވެގެން ހުށަހަޅައިފަ އެވެ. ގައުމީ މަޖިލީހުގެ މެންބަރުން ނަޝީދާ ދެކޮޅު ހެދީ އިންތިޚާބު އެމްޑީޕީ އަށް ނާކާމިޔާބުކޮށްލަން މަސައްކަތްކޮށްފައިވާތީ އެވެ.