ވެރިކަމުގެ ފަސް އަހަރު ދައުރު ނިންމަވާފައި ވަޑައިގަންނަވާ އިރު ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެވުނު ކަމުގެ އިހްސާސް ކުރެއްވޭ ކަމަށާއި އާ ސަރުކާރަށް އެމަނިކުފާނުގެ އިލްތިމާސް އަކީ ވެސް ރައްޔިތުންނަށް އޯގާތެރިވެ ހެޔޮވެރިކަމެއް ކޮށްދެވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބަށް ފަހު ނޫސްވެރިންނާ ރައީސް އޮފީހުގައި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދެވަނަ އިލްތިމާސް އަކީ މި ސަރުކާރުން ރައްޔިތުންނަށްޓަކައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުން ކަމަށެވެ.

"އާ ސަރުކާރުގެ ކިބައިން އަޅުގަނޑު އެދޭ ދެ ކަމެއް އެބައޮތް. އެއް ކަމަކީ ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ކޮށްދިނުން. އަނެއް ކަމަކީ ގައުމުގެ ތަރައްގީއަށްޓަކައި މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކުރިއަށްގެންދިޔުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ދެން އަންނަ ސަރުކާރާ ވެސް މަޝްވަރާ ކުރާނެ ކަމަށެވެ. މި ދައުރުގައި ރައީސް އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދިޔައީ ރައްޔިތުންނަށް ބޯހިޔާވަކަން ހޯދައިދިނުމުގެ މަޝްރޫތަކެވެ. އެގޮތުން ގޯތި ދިނުމަށް ހުޅުމާލޭގެ ތިންވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރު ފަޅު އަދި އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި ގޯތި ލިބޭ މީހުންގެ ލިސްޓް ކަނޑައަޅާފައި ލިޔުން ހަވާލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ރައީސް ވިދާޅުވީ ވެރިކަމުގެ ތެރޭގައި ދިމާވި ބޮޑެތި ގޮންޖެހުންތަކާ އެކު ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވުނުކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. ކޮވިޑާއި، އެނޫން ވެސް ގޮންޖެހުންތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ތަފާތު ހިޔާލުތަކާ އެކު ކޯލިޝަނެއްގެ ތެރެއިން އެންމެން ގޮވައިގެން ގައުމަށް ގެނެވުނު ހެޔޮ ބަދަލުތަކާ މެދު އުފާ ކުރައްވާ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ؛ ރައީސް އޮފީސް

ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރު އެމަނިކުފާނު މަސައްކަތް ކުރެއްވީ ވައުދުތައް ފުއްދަން ކަމަށެވެ. އަދި ވައުދު ފުއްދަން ކުރެވުނު މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި ދިމާވި ކޮވިޑް-19ގެ ހާލަތާ ކުރިމަތިލުމަށް ފަހު ވެސް އެތައް ކުރިއެރުންތަކެއް ގެނެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިނުމާއި، ރައްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންޖެހިފައި ތިބި އަސާސީ ހައްގުތައް ހޯދައިދިނުމާއި، ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތައް އެއީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު ކާމިޔާބީތައް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމާޒަކަށްވީ ކުޑަރަށެއް ބޮޑުރަށެއް ތަފާތު ނުކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުން. އަޅުގަނޑުގެ ހަމައެކަނި އަމާޒަކަށްވީ ހަމައެކަނި އިންތިހާބެއް ކާމިޔާބުކުރުމެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެމަނިކުފާން ހުންނަވާނީ ޕާޓީ އެކަތިގަނޑަކަށް ހައްދަވައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހަރަކާތްތެރި ކުރުވަން ކަމަށެވެ.