ސަރުކާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ފަހުބަސް ބުނާނީ އެމަނިކުފަނު ކަމަށާއި އެހެން މީހެއްގެ ބާރެއް އެމަނިކުފާނުގެ މައްޗަކަށް ނުހިންގޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހަބުގެ ކާމިޔާބީ ފާހަގަކުރެއްވުމަށް މިހާރު ކުރިއަށްދާ ޖަލްސާގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފަނު އެކުލަވާލާ ކެބިނެޓު ވެގެންދާނީ އެމަނިކުފާނަށް އިތުބާރު ކުރެވޭ ގާބިލު ތައުލީމީ ކެބިނެޓަކަށް ކަމަށެވެ. ސަރުކާރު ކުންފުނިތަކުގައި ވެސް ތިއްބަވާނީ އެފަދަ ބޭފުޅުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ކަންކަން ސިއްރު ކުރާ ސަރުކާރަކަށް ނުވާނެ ކަމަށާއި ހާމަކުރަންޖެހޭ އެގްރިމަންޓެއް ރައްޔިތުންނަށް ހާމަކޮށް ދެފުއް ފެންނަ ސަރުކާރެއް ކަމަށެވެ.

ސަރުކާރު ވުޒާރަތަކަށާ ކުންފުނިތަކަށް އައްޔަން ކުރާނީ އެމަނިކުފަނު ބުނާ ގޮތަށް މަސައްކަތް ކުރާ ވަޒީރުން ކަމަށާއި އެބޭފުޅުންނަށް ފަހުބަސް ބުނާނީ އެމަނިކުފަނު ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެމަނިކުފަނުގެ މައްޗަށް ބަސް ބުނާނޭ އެހެން މީހެއް ނުހުންނާނެ ކަމަށާއި އެމަނިކުފަނުގެ މައްޗަށް އެހެން މީހެއްގެ ބާރެއް ވެސް ނުހިނގާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ މަގާމުތަކުގައި ތިއްބަވާނީ އަޅުގަނޑު ބުނާ ގޮތަށް ކަންކުރާނެ ބޭފުޅުން. އަޅުގަނޑު ފަހުބަސް އެއިން ކޮންމެ ބޭފުޅަކަށް ބުނާނީ. އެވަރުގެ ބޭފުޅުން އަޅުގަނޑު އެއިން ކޮންމެ މަގާމަކަށް ވެސް ލާނީ. މި ސަރުކާރުގަ ވާހެނެއް އެހެން ބައެއްގެ އަތްމަތީގަ ބާރު އޮންނަ ސަރުކާރެއް ނޫން. އަޅުގަނޑު މައްޗަށް ބާރެއް ނުހިނގާނެ އެއްވެސް މީހެއްގެ" މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބުގެ ކަމިޔާބީ ފާހަގަ ކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގެ ތެރެއިން: ފޮޓޯ: ޕީޕީއެމް

މުއިއްޒު އިތުރަށް ވިދާޅުވީ އޭނާ އެމަގާމަށް އިންތިހާބުކޮށްދެއްވީ ރައްޔިތުން ކަމަށާއި ސަރުކާރު ހިނގާނީ ރައްޔިތުންގެ ބައިވެރިވުމާ އެކު ކަމަށެވެ. ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.