އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބެން ދިވެހި ރައްޔިތުން ނޭދޭ ކަން ކަމަށާއި ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިނތިހާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓްރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖައިން ރައްޔިތުން ބޭނުންވާގޮތް ވަރަށް ސާފުކޮށް ބުނެދީފައިވާ ކަމަށާއި ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެކަން ރައްޔިތުން ދައްކައިދީފި ކަމަށެވެ.

ރައްޔިތުންގެ އެދުމާ ދެކޮޅަށް ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށާއި ރައްޔިތުން އެކަން ވަރަށް ސާފުކޮށް ބުނެދީފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ދިވެހިންގެ ނިންމުމަށް އެހެން ގައުމުތަކުން އިހުތިރާމް ކުރާނެ ކަމަށާއި ދިވެހިން ނޭދޭނަމަ ރާއްޖޭގައި އެމީހުންވެސް ތިބެން ބޭނުން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ އޮންނަ ހަމަތަކުގެ ތެރެއިން ބޭރު ސިފައިން ފޮނުވާލާނަން. ޑިޕްލޮމެޓިކް ރިވެތި އުސޫލުން، ވާހަކަ ދައްކައިގެން، އެ ކަން ހާސިލު ވާނެ، ރައްޔިތުން ބޭނުން ނުވާ ނަމަ އެ ސިފައިން ވެސް ބޭނުމެއް ނުވާނެ ތިބޭކަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އިސްކުރަނީ ދިވެހީން ކަމަށާއި ހާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ދިވެހީން އިސްވާގޮތަށް ކަމަށެވެ. ދިވެހީން ނޫން ބަޔަކަށް ރާއްޖޭގެ ކަންކަމުގައި ބަސް ބުނުމުގެ ބާރެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.