ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލަން ފެށި މަސައްކަތް މަޑުޖެހިފައި އޮތީ އެމްޑީޕީން ކޮމިޓީތަކަށް ހަމަޖައްސަން ބޭނުންވާ މެންބަރުންގެ ނަންތައް އެ ޕާޓީން ނުފޮނުވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އެންމެ ފަހުން އޮތް މަޖިލީހުގެ ޖަލްސާގައި ޕާޓީތަކަށް ކޮމިޓީތަކުން ލިބޭނެ ނިސްބަތްތައް ފާސްވެފައިވި ނަމަވެސް ކޮމިޓީތަކަށް ހަމަޖައްސަން އެމްޑީޕީން ބޭނުންވާ މެންބަރުންގެ ނަންތައް ނުލިބުމުގެ ސަބަބުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. އަދި މިހާތަނަށް ޕާޓީތަކުން ކޮމިޓީތަކުގައި ތަމްސީލު ކުރާނޭ މެންބަރުންގެ ނަންތައް ފޮނުވާފައިވަނީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ހާއްސަ ގޮތެއްގައި އެމްޑީޕީން ނުލިބޭ ކަމުން، މި ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވި އަޅުގަނޑުމެންނަށް އަދިވެސް މިތިބީ. އެހެންވީމާ އެމްޑީޕީގެ ނަންތައް ލިބި، އަޅުގަނޑުމެންނަށް އެ ނަންތަކަށް ވޯޓަށް އެހި، ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނޭ ކަމަށް އުންމީދު ކުރަމުން މި ދަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޕާޓީތައް ތަމްސީލުކުރާ މަޖިލިސް މެންބަރުންގެ އަދަދަށް ބަދަލުއައީ އެމްޑީޕީން ވަކިވެވަޑައިގެން މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވި ކުރިން އެމްޑީޕީ ތަމްސީލުކުރެއްވި ބައެއް މެންބަރުން މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވުމަށްފަހު، ދަ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ މެންބަރުންގެ ގޮތުގައި މަޖިލީހުގެ ދަފުތަރުގައި ހިމެނިވަޑައިގަތުމުންނެވެ.

އެއާއެކު، މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ދަ ޑިމޮކްރެޓްސް އެވެ. އަދި އެ ޕާޓީއަށް މަޖިލީހުގެ ކޮމިޓީތަކުގައި ތަމްސީލުކުރާނެ ނިސްބަތް ކަނޑައަޅައި އެ ނިސްބަތުން އެ ޕާޓީއަށް ކޮމިޓީތަކުން ޖާގަވަނީ ހަމަޖައްސައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު މެންބަރުން ނިސްބަތްވާ ގޮތަށް ބަލާލާއިރު އެމްޑީޕީގެ 56 މެންބަރުންނާއި ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި ޕީޕީއެމްގެ ހަތަރު މެންބަރުންނާއި ޕީއެންސީގެ ހަތަރު މެންބަރުންނާއި އެމްއެންޕީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖޭޕީ ދެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތިން މެންބަރުނެވެ.