ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދު ވަޒީފާއިން ވަކިކޮށްފި އެވެ.

ފެނަކައިގެ ޗީފް ހިއުމަން ރިސޯސް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ފޮނުވި ލިޔުމުގައި ވަނީ އެ ކުންފުނީގެ ގަވާއިދުގެ 34.8 ވަނަ މާއްދާގެ (ހ) ގެ 1 ގައި ވާގޮތުގެމަތިން އޭނާ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ އެ ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނަ ކަމަށެވެ.

އަބްދުﷲ ވަހީދަށް އެ ވަޒީފާ ދީފައި ވަނީ 2014 ސެޕްޓެމްބަރު 11 ވަނަ ދުވަހު އެވެ. އަދި ވަޒީފާއިން ވަކިކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ފެނަކައިގެ ކޮރަޕްޝަން މައްސަލަތަކެއް މީގެކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ. އެ ކޮމިޝަނުން އެ މައްސަލަތައް ބަލައި އެއްވެސް ފިޔަވަޅެއް އެޅިކަން މިހާތަނަށް އަންގާފައެއްނުވެ އެވެ.