ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ވާދަ ކުރެއްވުމަށް ނިންމަވައިފިއެވެ.

މިހާރު މޭޔަރުގެ މަގާމުގައި ހުންނެވި ޑރ.މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. އަންނަ ނޮވެމްބަރު 17 ގައި ޑރ.މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މޭޔަރު މަގާމުން ހުސްވާނެ އެވެ.

ކުރީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

"ވީމާ މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ." މަހުލޫފް ވިދާޅުވި އެވެ.

މިހާތަނަށް މޭޔަރުގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާނުކޮށްފައިވަނީ މިނިސްޓަރު މަހުލޫފު އެކަނި އެވެ. ޕިޕީއެމް/ޕީއެންސީގެ ފަރާތުން އެމަގާމަށް ވާދަކުރައްވާނެ ފަރާތެއް އަދި އިއުލާނެއް ނުކުރައްވަ އެވެ.