އިންޑިއާ އިން ދިވެހި ރާއްޖެއަށް ދީފައިވާ ލޯނުތަކަށް ލުއި ގޮތެއް ހެދުމަށް މަޝްވަރާ ކުރާނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހަވަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ސަފީރު މިހެން ވިދާޅުވެފައި މިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ ސަފީރު އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. އިންތިހާބީ ރައީސް މުއިއްޒު ގެންދަވަނީ ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރައްވަމުންނެވެ.

މުއިއްޒު މިއަދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާ އެވެ. އެއަށްފަހު ޗައިނާގެ ސަފީރު ވާން ލިޖިންއާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި އެއަށްފަހު އިންޑިއާގެ ސަފީރާ މެންދުރު ފަހު ވަނީ ބައްދަލުކުރައްވައިފަ އެވެ.

އިންތިހާބީ ރައީސް އިންޑީއާ ސަފީރާ އެކު މިއަދު ބެއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން:

އިންތިހާބީ ރައީސްގެ އޮފީހުން ބުނީ އިންޑިއާ ސަފީރާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް އިންޑިއާ އިން ދީފައިވާ ލޯނުތަކަށް ލުއިގޮތެއް ހޯދުމަށް މަޝްވަރާ ކުރާނެ ކަމުގެ ޔަގީންކަން ސަފީރު ދީފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަން ކަމަށް އަބަދުވެސް އިހްތިރާމް ކުރާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ކެމްޕެއިންގައި ވެސް އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ މި ސަރުކާރުން އިންޑިއާ އިން ގިނަ އަދަދެއްގެ ލޯނުތަކެއް ނަގާފައިވާ ކަމަށެވެ. އަދި ވަކި ގައުމަކަށް ބަރޯސާވެ ރާއްޖޭގެ އިގްތިސޯދު ހަލާކުވަމުންދާ ކަމަށް އަބަދުވެސް މުއިއްޒު ވިދާޅުވެ އެވެ. އެކަންކަން ހައްލު ކުރުމަށާއި މިސަރުކާރުން ނަގާފައިވާ ލޯނުތައް ރީ ފައިނޭންސް ކުރަނެ ގޮތްތަކެއް ހޯއްދަވާފައިވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.