ރިޔާސީ އިންތިހާބާ ގުޅޭ 52 މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީ އިން ބުނީ އިންތިހާބާ ގުޅިގެން މިހާތަނަށް 97 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން ބަލަމުން އަންނަނީ 52 މައްސަލަ ކަމަށް ވެސް އޭސީސީން ބުނެ އެވެ.

އެގޮތުން އޭސީސީއަށް ހުށަހަޅާފައި ވަނީ ސިޔާސީ ޕާޓީތަކުން ހުށައަޅާފައިވާ ތިން މައްސަލައަކާއި، ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން ހުށައަޅާފައިވާ ފަސް މައްސަލައަކާއި، އަމިއްލަ ފަރުދުންގެ ފަރާތުން ހުށައަޅާފައިވާ 27 މައްސަލައެކެވެ. އަދި ދައުލަތުގެ އިދާރާތަކުން ހުށައަޅާފައިވާ މައްސަލައަކާއި ކާކުކަން ނޭނގޭގޮތަށް ހުށައަޅާފައިވާ 61 މައްސަލައެއް ހިމެނެ އެވެ.

އޭސީސީ އިން ބަލަމުންދާ 52 މައްސަލަ އަކީ ރިޝްވަތު ދިންކަމުގެ 36 މައްސަލަ އާއި، ނުފޫޒު ފޯރުވިކަމުގެ 11 މައްސަލައެއްގެ އިތުރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގެ ފަސް މައްސަލައެކެވެ.

ރިޔާސީ އިންތިހާބަށް އެކިއެކި ކެންޑިޑޭޓުން ކުރި ހަރަދުތަކާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެންޑިޑޭޓުން ކެމްޕެއިން ކުރި އިރު އެކަންކަން އިލެކްޝަންސް ކޮމިޝަނަށް ބެލިފައިނުވާ ކަމަށް އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖޭގައި ތިބި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވަރުން ވެސް ވަނީ ބުނެފަ އެވެ.

ކެމްޕެއިން ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރާކަމަށް ތުހުމަތު ކުރި އެވެ.