މީޑިއާތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި ނޫސްވެރިންނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީއަށް ވަޑައިގެން އަތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނާ ބައްދަލު ކުރައްވާ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މީޑިއާތަކަށް އެއްވެސް ހުރަހެއް ނެތި މަސައްކަތް ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބޭނެ ކަމަށެވެ. އަދި މީޑިއާތައް ކުރިއަރުވަން ސަރުކާރުގެ ތެރެއިން ގިނަ ކަންތައްތަކެއް ކުރައްވަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރަކީ އެއްވެސް ކަމެއް ފޮރުވައިގެން ކަންތައް ކުރާ ބަޔަކަށް ވާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން އެއްވެސް ކަމެއް ނުފޮރުވާނަން. އެހެެންވީމައި މިކަމަށް މީޑިއާގެ ދައުރު ވަރަށް ބޮޑު ވާނެ ރައްޔިތުންނަށް ކަންކަން ހާމަކޮށްދިނުމަށް. ރައްޔިތުންނާއި ވެސް ގުޅިގެން ސަރުކާރާއި ރައްޔިތުންނާއި ދެމެދުގައި މަސައްކަތް ކުރާ ބަޔަކަށް މީޑިއާ ވާން ބޭނުން. އެކަމުގައި ކާމިޔާބު ހާސިލްކުރާނެކަމުގައި ޔަޤީންކަން ދެން،" މާލޭގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ނޫސްވެރިކަމަށް ޝަައުގުވެރިވާ ދަރިވަރުންނަށް އެ ދާއިރާއާ ގުޅޭ ތައުލީމާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ސަރުކާރުން ފަހިކޮށް ދޭނެ އެވެ.

މުއިއްޒު މިފަދައިން ވިދާޅުވިއިރު ކެމްޕޭނުގައި އެ މަނިކުފާނު ވަނީ ރާއްޖޭގެ އަމިއްލަ މީޑިއާ އިދާރާތަކަށް ދައުލަތުގެ ބަޖެޓުން ޕަސެންޓެއް ހިމަނައި ފައިސާ ހަމަޖައްސަވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.