ވާދަވެރި ކެމްޕެއިނަކަށްފަހު މިއަހަރުގެ ރިޔާސީ އިންތިހާބު ނިމިއްޖެ އެވެ. އެއް ބަޔަކަށް ނާކާމިޔާބުވިއިރު އަނެއް ބަޔަކަށް ކާމިޔާބު ލިބި ކުރިއަށް އޮތް ފަސް އަހަރަށް މި ގައުމު ހިންގާނެ ވަލިއުލް އަމްރަކު އެނގިއްޖެ އެވެ. އާއެކެވެ. މިވަގުތަށް ރާއްޖޭގެ ސިޔާސީ މަޝްރަހު މަޑުޖެހިލައިފި އެވެ.
މީގެ މަހެއްހާ ދުވަސް ކުރިއަށް ބަލާލަމާ ހެއްޔެވެ؟ އިންތިހާބުގެ ވާދަވެރިކަން އޮތީ އޭގެ އިންތިހާގަ އެވެ. ޝައްކެއްވެސް ނެތް ފަދައިން އިންތިހާބުގެ ވާދަވެރިން އެންމެ ވަރުގަދައަށް ކެމްޕެއިން ހިންގީ ވެރިރަށް މާލޭގަ އެވެ. ވާނީ ވެސް އެހެންތާ އެވެ. ގައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައި ދިރިއުޅެނީ މި ފަސްގަނޑުގަ އެވެ.
ވަރުވަރުން މަގުތަކުގައި ދިދަފަތި ދެމުނެވެ. މަގުތައް ހިޔާވާ ވަރަށް ބޯމަތީގައާއި މަގުތަކުގެ ދެފަރާތުގައި ބެނާތައް ހަރު ކުރެވުނެވެ. ފާރެއް އޮތިއްޔާ ޕޯސްޓަރުތައް ތަތް ކުރެވުނެވެ. ކޮންމެ ކެނޑިޑޭޓަކު ވެސް މަސައްކަތްކުރީ އެ ކެނޑިޑޭޓެއްގެ މެސެޖު ވިހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.
ތެދަށް ދަންނަވާނަމަ މިތަކެތިން މާލެތެރޭގެ މާހައުލު މުޅިން ބަދަލު ކޮށްލި އެވެ. އެއީ ކޮން އެއްޗެއްކަން ނޭނގުނަސް ބޯމަތިން ފެނުނު ދިދަތަކުން ކުޑަކުދިން ހިނިތުން ކުރުވި އެވެ. ތަފާތު ކުލަތަކުން ހިތްތަކަށް އުފާވެރިކަން ގެނުވި އެވެ. ކުޑަވަރެއްގެ އީދެއްގެ އިހުސާސް ވެސް ކުރުވިފަދަ އެވެ.
ދެންތޯ އެވެ. އިންތިހާބު ނުނިމެނީސް މި ތަކެއްޗަށް ގެއްލުން ދޭން ފަށައިފި އެވެ. ދަމާފައިވާ ދިދަތައް ނައްޓަން ފަށައިފި އެވެ. ބެނާތައް ކަފައި ކަޅުތެޔޮ ޖަހަން ފަށައިފި އެވެ. ތަތްކޮށްފައިވާ ޕޯސްޓަރުތައް ވީދައި ކުދިކޮށްފި އެވެ. ކުލަތަކުން ޒީނަތްވެފައި އޮތް މާލެތެރެ އިހު އޮތް އިރަށްވުރެ ވެސް ހަޑިވެއްޖެ އެވެ.
އިންތިހާބު ނިމިއްޖެ އެވެ. ކެމްޕެއިންގެ ވައި މަޑުވެ އެއްކަލަ ދިދަތަކާއި ބެނާތަކާއި ޕޯސްޓަރުތަކުގެ ބޭނުން ކެނޑިއްޖެ އެވެ. އެތަކެތި އަދިވެސް ހުރީ ހަމަ އެ ހުރި ގޮތަށެވެ. ދިދަތައް ވެއްޓި މަގުމައްޗަށް ވެއްޓިފަ އެވެ. ޕޯސްޓަރުތަކުގެ ބައިތައް ވީދައި ފާރުތައް ހަޑިވެފަ އެވެ.
އުފެދޭ ސުވާލަކީ މިތަކެތި ހަރުކުރަން ފޯރިހުރި ފަދައިން އޭގެ ބޭނުން ކެނޑުމުން އެ ނަގަން ހަނދާން ނުހުންނަނީ ކީއްވެގެންތޯ އެވެ. ރައްޔިތުންނަށް މެސެޖެއް ފޯރުކޮށްދޭން އެ އެއްޗެހި ހަރުކުރި ފަދައިން އެ ތަކެއްޗަށް ގެއްލުންދީ އެހެން ބެހެއްޓުމުން ވެސް ރައްޔިތުންނަށް ލިބެނީ މެސެޖެކެވެ. ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ މަތިން ހަނދާން ވަނީ ހަމައެކަނި މުހުތާދެއް ފުއްދަން ޖެހުމުން ކަމެވެ.
ދެން މި އެއްޗެހި ސާފު ކުރަންވީ ކޮން ބައެއްތޯ އެވެ؟ މަގުމަތި ކުނި ކަހަން ނުކުންނަ ދެބައި އުމުރަށްވުރެ ދުވަސްވެފައިވާ ވެމްކޯގެ މުވައްޒަފުންތޯ އެވެ.؟ ނޫނީ މާލެ ސިޓީ ކައުންސިލުންތޯ އެވެ. ސިޔާސީ ބޭނުމެއްގައި ސިޔާސީ ފަރާތްތަކުން ކުރި ކަމެއް ރީތިކޮށް އަލުން މާލެ ކުރިން އޮތް ގޮތަށް ހަދަންވީ އެކަމާ ގުޅުމެއް ވެސް ނެތް މީހުންތޯ އެވެ؟
މާލެއަކީ ހުރިހާ ރައްޔިތުންގެ ވެސް ތަނެކެވެ. ވެރިރަށް ކިޔަނީ އެހެންވީމަ އެވެ. ހަޑިއްޔާ އެންމެންނަށް ވެސް ހަޑި އެވެ. ރީތިއްޔާ އެންމެންނަށް ވެސް ރީއްޗެވެ. ވީއިރު ތިމާ ކުރި ކަމެއްގެ ޒިންމާ އަމިއްލައަށް ނުނެގެންވީ ސަބަބެއް ނެތެވެ. ކޮންމެ ޕާޓީއަކުން ވެސް އެ ޕޯޓީގެ ބެނާތަކާއި ދިދަތަކާއި ޕޯސްޓަރުތައް ނުނެގެންވީ ސަބަބެއް ނެތެވެ.
ކުރިއަށް ވެސް އޮތީ އިންތިހާބުތަކެކެވެ. އަންނަ އަހަރު މަޖިލިސް އިންތިހާބެވެ. އޭގެ ފަހުން ކައުންސިލް އިންތިހާބެވެ. މި އިންތިހާބުތަކާ ދިމާކޮށް ވެސް މާލޭގެ އިތުރުން އެކި ރަށްރަށުގައި ވެސް ކެމްޕެއިންގެ ފޯރި ގަދަވާނެ އެވެ. މިދެންނެވި ތަކެތި ބޭނުން ކުރެވޭނެ އެވެ.
އެހެން ނަމަވެސް މުހިއްމު ކަމަކީ އިންތިހާބަށްފަހު ތަހުޒީބީ އާދަތަކުގެ މަތިން ކެމްޕެއިންގައި ބޭނުން ކުރެވުނު ތަކެތި ނެގުމެވެ. ފަހުން ބޭނުން ކުރަން ރައްކާ ކުރެވޭނީ ވެސް އޭރުންނެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް މާލެތެރެ ފުރެންދެން ބެނާއާއި ދިދަ ދެމިޔަސް ނިމުނީއެއް ނޫނެވެ. އޭގެ ޒިންމާ ވެސް ނަގަން ޖެހޭނެ އެވެ.