ސަރުކާރުގެ ހަތް ކަމެއް މަޑުޖައްސާލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާހީމް މުހައްމްދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފި އެވެ.

ސަރުކާރުގެ މުއައްސަސާތަކަށް މީހުން ވަޒީފާއަށް ނުނެގުމާއި އެއްވެސް ގައުމަކާ އެކު އެގްރިމަންޓެއް ނުހެދުމާއި އެކު މިހާރު ސަރުކާރުން ކުރަމުން އަންނަ ބައެއް ކަންކަން މަޑު ޖައްސާލަން އެދި ޑރ. މުއިއްޒު ވަނީ ރައީސް ޞާލިހް އަށް މިއަދު ސިޓީފުޅެއް ފޮނުއްވާފަ އެވެ.

1. ދައުލަތުގެ އެއްވެސް ވަޒީފާއެއް އަލަށް މީހަކަށް ނުދިނުން އަދި މަގާމުގެ ކުރިއެރުން ނުދިނުން.

2. ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމަންޓެއް ނުކުރުން.

3. ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން.

4. ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމަށް އާ ހުއްދައެއް ނުދިނުން.

5. ޕީއެސްއައިޕީ ނުވަތަ އެހެން އެއްވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން.

6. ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން.

7. ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން.

ޑރ. މުއިއްޒުގެ އެ ސިޓީފުޅުގައި ވިދާޅުވީ އެ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދެއްވި ޔަގީން ކަމާއެކު ސަރުކާރު ބަދަލުވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބައެއް ކަންކަން މަޑުޖައްސާލަން އެދިވަޑައިގަންނަވާ ކަމަށެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން އޮމާންކަމާ އެކު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ޔަގީންކަން ދެއްވާފަ އެވެ. އިންތިހާބީ މަރުހަލާއަށް ރައިސް ސޯލިހާއި ޑރ. މުއިއްޒުގެ ފަރާތުން ވެސް ވަނީ މިހާރު ކޮމެޓީއެއް ނަގާފަ އެވެ.

ރައީސް އޮފީހުން ބުނީ އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސް އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނޭ ޓީމެއްގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށެވެ.