ރިޔާސި ދައުރު ނިމެންދެން ސަރުކާރުގެ ވުޒަރާތަކާ ހަވާލުކޮށްފައިވާ މަސައްކަތްތައް ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސަރުކަރުގެ ވުޒާރާތަކަށް އަންގަވައިފި އެވެ.
ރައީސް ސޯލިހު މިގޮތަށް އެންގެވީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގާއިމްކުރެއްވުމަށް ނެރުއްވި ދެންނެވުމުގަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ބަދަލުކުރުމަށް ސަރުކާރުގެ އިދާރާތަކާބެހޭ މުހިންމު މައުލޫމާތު، އިންތިހާބީ ރައީސްއަށް ބޭނުންވެދާނެ ކަމަށްޓަކައި ތައްޔާރުކުރުމަށް އަންގަވާފައިވެ އެވެ. އަދި ސަރުކާރުގެ އިދާރާތަކުން އިންތިހާބީ ރައީސްގެ އޮފީހަށް ލިޔެކިޔުން ފޮނުވަން ވާނީ "ގަވަންމަންޓް އީ-ލެޓަ މެނޭޖްމަންޓް ސިސްޓަމް" މެދުވެރިކޮށް ކަމުގައި ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަންކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން، ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށެވެ.
އިންތިގާލީ މަރުހަލާ ކުރިއަށްދާއިރު ސަރުކާރުން ބައެއް ކަންކަން ނުކުރުމަށް އެދި އިންތިހާބީ ރައީސްގެ ފަރާތުން ވަނީ ރައީސް ސޯލިހުއަށް ދަންނަވައިފަ އެވެ.
ސަރުކާރުގެ މުއައްސަސާތަކަށް މީހުން ވަޒީފާއަށް ނުނެގުމާއި އެއްވެސް ގައުމަކާ އެކު އެގްރިމަންޓެއް ނުހެދުމާ އެކު މިހާރު ސަރުކާރުން ކުރަމުން އަންނަ ބައެއް ކަންކަން މަޑު ޖައްސާލަން އެދި ޑރ. މުއިއްޒު ވަނީ ރައީސް ސޯލިހް އަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ.