ފްރާންސްގައި ތަންމަކުނުގެ ވަބާއެއް ފެތުރި މުޅި ގައުމު އެކަމުގައި ހާސްވެފައި ވާއިރު، ޔޫރަޕާއި އެފްރިކާގެ ބައެއް ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

ފްރާންސްގެ ޕެރިހުން ފެށިގެން ގާތްގަނޑަކަށް ހުރިހާ ހިސާބަކަށް ތަންމަކުނު އުނދަގޫ ފެތުރިފައިވާއިރު، ޕަބްލިކް ޓްރާނސްޕޯޓްތަކާއި އެއާޕޯޓު ތެރެއިން ވެސް ތަންމަކުނު ވަނީ ފެނިފަ އެވެ. ފްރާންސްގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި އެގައުމަށް ތަންމަކުނު ފެތުރުނީ ކޮން ގޮތަކުންކަން ޔަގީނެއް ނުވެ އެވެ.

ތަންމަކުނު އުނދަގޫ ހިސާބަށް ވުރެ ބޮޑުވުމުން އެކަމާ މެދު މުޅި ގައުމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އަންނަނީ ހިންގަމުންނެވެ. ފްރާންސްގެ ފަނިފަކުސާތައް ކޮންޓްރޯލްކުރާ ފަރާތްތަކަށް މިހާރު ވަނީ ވަނީ ވަރަށް ބާރުބޮޑުވެފަ އެވެ.

ފްރާންސުން ތަންމަކުނު ސާފު ކުރުމަށް މަސައްކަތް ކުރަނީ

ތަންމަކުނު އުނދަގޫ މިހާރު އޮތް ހިސާބުން ކުރިޔަށް އޮތް 2024 ގެ އޮލިމްޕިކަށް ވެސް އެކަމުގެ އަސަރުކޮށްފާނެ ކަމުގެ ބިރު ބައެއް ފަރާތްތަކުން އަންނަނީ ފާޅު ކުރަމުންނެވެ.

ފްރާންސްގައި ތަންމަކުނުގެ މައްސަލަ ބޮޑުވެފައި ވާއިރު، ބޯޑަރު ހުރަސްކޮށް އެހެން ގައުމުތަކަށް ފެތުރި ދާނެތީ ބައެއް ގައުމުތަކުން މިހާރު ވަނީ ފިޔަވަޅު އަޅަން ފަށައިފަ އެވެ. އެގޮތުން އަލްޖީރިއާ އިން ވަނީ ފްރާންސުން ދާ ހުރިހާ ފްލައިޓެއް ސާފުކޮށް ޑިސްއިންފެކްޓްކުރަން ފަށައިފަ އެވެ.

އިނގިރޭސި ވިލާތާއި ފްރާންސާއި ދެމެދު ދުއްވާ ކަނޑު އަޑީގެ ރޭލު ދަތުރުތަކުގައި ވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ރޭލުތައް އިތުރަށް ސާފުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އިނގިރޭސި ވިލާތުގެ އިތުރުން ވެސް ޔޫރަޕްގެ ގިނަ ގައުމުތަކުން ފްރާންސާ ދެމެދު ދަތުރުކުރާ ރޫޓުތަކުގެ ސާފު ތާހިރުކަމަށް އަންނަނީ ޚާއްސަ ސަމާލުކަމެއް ދެމުންނެވެ.