އިންޑިއާ އިން ނަގާފައިވާ ލޯނު ތަކަށް ލުއިގޮތެއް ހައްދަވައިދެއްވާނެ ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މަޝްވަރާ ކުރަން އިންޑިއާ އިން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން، އިންތިހާބީ ރައީސް އާއި އިންޑިއާ ސަފީރު މުނޫ މަހާވަރު އާ އެކު ބޭއްވެވި ބައްދަލުވުމުގައި ދެއްވާފައިވާ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސް އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު މިދިޔަ ބުދަ ދުވަހު ވަނީ ބައްދަލު ކުރައްވާފަ އެވެ. އެދުވަހު ބޭއްވެވި ބައްދަލުވުމުގެ ތަފްސީލް ދެއްވަމުން އިންތިހާބީ ރައީސް އޮފީހުގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު މީޑިއާތަކާ ބައްދަލުކުރައްވައި ވިދާޅުވީ، ދިވެހީންގެ ނިންމުމަށް އިހްތިރާމް ކުރާނެ ކަމަށް ސަފީރު ވިދާޅުވެފައިވާ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވުމުން އެނިންމުމަށް އިންޑިއާއިން އިހްތިރާމް ކުރާނެ ކަމަށް ސަފީރު ދެންނެވި ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އަދި ދިވެހިރާއްޖޭގެ ސިޔާދަތަށް އިހްތިރާމް ކުރައްވާނެ ކަމަށް ވެސް ސަފީރު ވިދާޅުވެފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކަށް ލުއިގޮތެއް ހެދުމަށް އެކަމުގެ މަޝްވަރާއަށް ވެސް އިންޑިއާއިން ތައްޔާރަށް އޮތްކަން ފާހަގަ ކުރެއްވި އެވެ.
"އިންޑިއާ ސަފީރު އެކަމަށް އެހާ ސާފުކޮށް، ވިދާޅުވި، ދިވެހިރާއްޖޭގެ ސިޔާދަތަށް ފުރިހަމަ އިހްތިރާމް ކުރައްވާނެކަން، އަދި ދިވެހިރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައް އަދާކުރުމުގައި ވެސް ލުއިގޮތަކެއް ހަމަޖައްސަވައިދެއްވުމަށް މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ތިއްބެވީ،" ފިރުޒުލް ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިންގައި ވެސް އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ މި ސަރުކާރުން އިންޑިއާ އިން ގިނަ އަދަދެއްގެ ލޯނުތަކެއް ނަގާފައިވާ ކަމަށެވެ. އަދި ވަކި ގައުމަކަށް ބަރޯސާވެ ރާއްޖޭގެ އިގްތިސޯދު ހަލާކުވަމުންދާ ކަމަށް އަބަދުވެސް މުއިއްޒު ވިދާޅުވެ އެވެ. އެކަންކަން ހައްލު ކުރުމަށާއި މިސަރުކާރުން ނަގާފައިވާ ލޯނުތައް ރީ ފައިނޭންސް ކުރަނެ ގޮތްތަކެއް ހޯއްދަވާފައިވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.