ރިޔާސީ އިންތިހާބުގައި މަސައްކަތްކުރި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް މި ހަފްތާގައި އެލަވަންސް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5،000 އަށް ވުރެ ގިނަ އޮފިޝަލުން މަސައްކަތްކޮށްފައިވެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހު ކުރީކޮޅު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ޓްރެއިނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އެލަވަންސް ދީފައިވާ ކަމަށެވެ.

އެލަވަންސް ނުދެވި ތިބި އޮފިޝަލުންނަށް ވެސް އެލަވަންސް ޖަމާކުރުމަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ ވިދާޅުވެފަ އެވެ. ހަބީބު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ މިފެށޭ ހަފްތާގެ ނިޔަލަށް ހުރިހާ އޮފިޝަލުންނަށް އެމީހުންގެ އެލަވަންސްތައް ދީ ނިންމުމަށް ކަމަށެވެ.

ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއް ކަރުދާސްކޮޅު އިލެކްޝަންސްގެ އޮފިޝަލުން ދައްކާލަނީ. ފޮޓޯ: އިލެކްޝަންސް

އިންތިހާބުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް އެލަވަންސް ދިނުމަށް 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ފުރަތަމަ ބުރަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވި އެވެ.

ވޯޓުލާ މަރުކަޒުގެ ވެރިއެއްގެ އުޖޫރައަކީ ދުވާލަކަށް 1،500 ރުފިޔާ އެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1،200 ރުފިޔާ އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލެއް ނަމަ 1،000 ރުފިޔާ އެވެ. އަދި ރިޒަރވް އޮފިޝަލުންނަށް 500 ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފަ އެވެ.