އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އިންތިގާލީ މަަސައްކަތްތަކަށް އެކުލަވާލި ޓީމުތަކުގެ ތެރެއިން ސިއްހީ ދާއިރާއަށް ކަނޑައެޅި ޓްރާންސިޝަން ކޮމެޓީގެ މެމްބަރުން ހެލްތު މިނިސްޓްރީގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިންތިގާލީ ކޮމެޓީގެ މެންބަރުން މިއަދު ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި އެ މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރައްވާ ހެލްތު މިނިސްޓްރީގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދައިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި މިހާރު ހިނގަމުންދާ މުހިއްމު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓް އަދި ކުރިއަށް ޕްލޭނުކުރެވުނު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އައްޔަން ކޮށްފައި ވަނީ އަބްދުއްރަހީމް އަބްދުﷲ އެވެ.

އިންތިގާލީ މަސައްކަތްތަކަށް މުއިއްޒުގެ ފަރާތުން ޖުމްލަ 15 ޓީމެއް ވަނީ އެކުލަވާލައިފަ އެވެ. އެއީ ސަރުކާރުގެ އިދާރާތަކަށް އަށް ޓީމާއި ސަރުކާރުގެ ކުންފުނިތަކަށް ހަތް ޓީމެވެ. ކުރިއަށް ހުރި ދުވަސްތަކުގައި މި ޓީމުތައް އެކިއެކި ތަންތަނަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.