ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ފަސް މިނިސްޓްރީއަކުން ހަރަދު ކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފަސް މިނިސްޓްރީ ހިމެނޭހެން އަށް އިދާރާއަކުން، ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ހަރަދު ކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ. ދައުލަތުގެ ބަޖެޓުން މި އަހަރު ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ހަރަދު ކުރި މިނިސްޓްރީތަކުގެ ތެރޭގައި ހިމެނެނީ ޑިފެންސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީ އެވެ.

މީގެ އިތުރުން އެންސްޕާ، އިންތިގާލީ އިންސާފުގެ އޮފީހާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީން ވެސް، ބަޖެޓަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބަޖެޓަށް ވުރެ، އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީ އެވެ. އެ މިނިސްޓްރީއަށް 5.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާއިރު މިހާތަނަށް އައިރު 6.5 ބިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ފިޝަރީޒް މިނިސްޓްރީއަށް ބަޖެޓުން 161.2 މިލިއަން ރުފިޔާ ހަރަދު ކުރަން ދީފައިވާ އިރު، އެ މިނިސްޓްރީން ވަނީ އިތުރަށް 17.3 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. އެ ގޮތުން ސެޕްޓެމްބަރު 28ގެ ނިޔަލަށް އެ މިނިސްޓްރީން ވަނީ 178.5 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ.

ޔޫތު މިނިސްޓްރީއަށް ބަޖެޓުން ހަރަދުކުރަން 416.7 މިލިއަން ހަމަޖައްސާފައިވާ އިރު، އެ މިނިސްޓްރީން ވަނީ، 424.7 މިލިއަން ހަރަދު ކޮށްފަ އެވެ. ހަމައެއާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ބަޖެޓުން 625.4 މިލިއަން ރުފިޔާ ހަރަދު ކުރަން ދީފައިވާ އިރު، އެ މިނިސްޓްރީން ވަނީ 674.9 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ބަޖެޓުން 21.2 މިލިއަން ރުފިޔާ ދީފައިވާ އިރު، އެ މިނިސްޓްރީން ވަނީ 21.9 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ.

މިނިސްޓްރީތަކުގެ އިތުރުން ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކުރި ތަންތަނުގެ ތެރެއިން އެންސްޕާ އިން ވަނީ ބޮޑު ހަރަދެއް ކޮށްފަ އެވެ. އެގޮތުން ބަޖެޓުން އެންސްޕާ އަށް 1920.3 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ އިރު، 2.2 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. އިންތިގާލީ އިންސާފު އޮފީހަށް ބަޖެޓުން 8.37 މިލިއަން ރުފިޔާ ދީފައިވާ އިރު އެތަނުން ވަނީ 11 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. އަދި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީއަށް ބަޖެޓުން 52.7 މިލިއަން ރުފިޔާ ދީފައިވާ އިރު، އެ ޔުނިވާސިޓީން ވަނީ، 53.5 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބަޖެޓުކޮށްފައިނުވާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް 73 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާ ކަމަށެވެ. މިކަމުގެ ސަބަބަން ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.