އާމިރު ޚާންއަކީ ބޮލީވުޑްގައި މިވަގުތު ހަރަކާތްތެރިވާ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރަކެވެ. އޭނާގެ ފިލްމުތަކުގެ 90 ޕަސެންޓަކީ ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތަކެވެ.

ދުވަސްކޮޅަކަށް އެކްޓިންއާ ދުރުގައި ހުރުމަށްފަހު އާމިރު އަލުން މިވަނީ ފިލްމު ކުޅެން ފަށާފަ އެވެ. ދާދި ފަހުން އޭނާ ވަނީ ކުރިއަށް ހުރި އޭނާގެ ބައެއް މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ "ސިތާރޭ ޒަމީން ޕަރް" ނަމަކަށް ކިޔާ ފިލްމެކެވެ. މިއީ 2007 ވަނަ އަހަރު ނުކުތް "ތާރޭ ޒަމީން ޕަރު" އާ ދާދި އެއްގޮތް ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.

އެ ފިލްމަކީ ސްޕެއިންގެ ފިލްމެއް ކަމަށްވާ "ކެމްޕިއޯންސް"ގެ ހިންދީ ރީމޭކް އެކެވެ. އެ ފިލްމުގެ ލީޑު ރޯލު އެންމެ ފުރަތަމަ ހުށައެޅުނީ ފަރްހާން އަޚްތަރަށް ނަމަވެސް އާމިރު ފަހުން ނިންމީ ޚުދު އޭނާ އެ ރޯލު ކުޅުމަށެވެ.

2018 ވަނަ އަހަރު ނުކުތް "ކެމްޕިއޯންސް"އަކީ ނަފްސާނީ މައްސަލަތަކެއް ހުރި ކުދިންތަކަކާއެކު ބާސްކެޓް ބޯޅަ ކޯޗެއް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

ހަބަރުތައް ބުނާ ގޮތުގައި "ސިތާރޭ ޒަމީން ޕަރް"ގެ ލީޑު ރޯލުން އާމިރުއާއެކު ފެންނާނީ 2000ގެ އަހަރުތަކުގައި މަޝްހޫރުކަން ހޯދި ޖެނޭލިއާ ޑި ސޫޒާ އެވެ.

2007 ވަނަ އަހަރު ނުކުތް "ތާރޭ ޒަމީން ޕަރް" އަކީ މިއަދާ ހަމައަށް ވެސް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކާމިޔާބު ފިލްމެކެވެ. އުނގެނުމުގައި ދަތިތަކެއް ހުންނަ ކުއްޖެއްގެ ހަޔާތް ދައްކުވައިދޭ އެ ފިލްމުގައި އާމިރުއާއެކު ފެނުނީ ދަރްޝީލް ސަފާރީ އެވެ.