ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި އަމަލުތައް ތަހުގީގުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް، އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަގުވާމީ މުޖްތަމައަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހޮތޯބުގަ އެވެ.

ރައިސުލްޖުމްހޫރިއްޔާގެ ހިތޯބުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ އެންމެހައި މުސްލިމުން އެ ހާލަތުން މިންޖުކޮށްދިނުމަކީ، މުޅި އިސްލާމީ އުންމަތުގެ ވާޖިބެކެވެ. އަދި، އެކަމަށްޓަކައި މުސްލިމުންގެ ސަފުތައް ބަދަހިކޮށް މުސްލިމުންގެ ގުޅުން ހަރުދަނާކޮށް، މުސްލިމުންގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި، އެއް އުންމަތެއް ފަދައިން އަލުން ތެދުވަން ޖެހެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިސްލާމްވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިން އެކަމެއް މަތީގައި ސާބިތުކަމާއެކު ދެމިތިބެ، އެކުވެރިކަމާއި އެއްބައިވަންތަކަންމަތީ ޤައުމު އާރާސްތުކުރަމުން އައި ވަރުގަދަ ބިންގަލަކީ އިސްލާމް ދީނުގެ ސައްހަ އަގީދާއެވެ. އަދި، ދިވެހިންގެ މެދުގައި މި އޮތް ހަމަޖެހުމާއި ސުލްހަވެރިކަމުގެ އަސްލަކީ، މުޖްތަމައުގެ ބަދަހިކަމަށް އިސްލާމް ދީނުގައި ދީފައިވާ ސަމާލުކަމަށްވާ ހިނދު، އިސްލާމް ދީނުގެ ސައްހަ އަގީދާ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހަރުލައްވައި، އިސްލާމީ ރިވެތި އަދަބު އަހުލާގުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމަކީ، ދިވެހި އުންމަތުގެ ކުރިމަގުގެ އުޖާލާކަމަށްޓަކައި، ދިވެހިންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެކެވެ.

މީގެ އިތުރުން ވެސް، އިސްލާމް ދީން ގެނެސްދިން އިޖްތިމާއީ ރިވެތި އަދަބުތަކާއި އަހުލާގީ ރީތި ސިފަތައް ދިވެހިންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތް ކުރުމަކީ ވެސް، މި ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު މަގްސަދެއްކަމަށާއި، އެކަމަށްޓަކައި ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ވެސް މަސައްކަތް ކުރުމަކީ ހުރިހާ ދިވެހީންގެ ޒިންމާއެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީއުލްއާޚިރު މަހެއްގެ ދެ ވަނަ ދުވަހެވެ.