ޣައްޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ. ގައި ދިވެހި ރާއްޖެއިން ގޮވާލައިފި އެވެ.

އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގެ ޙާލަތު ގޯސްވަމުންދާކަން ފާހަގަކޮށް، މިހާރުން މިހާރަށް ބޭނުންވާ އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރަށް ވުރެ އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލައި ދިވެހި ރާއްޖެއިން ފަލަސްޠީނާ އެކު ތިބިކަން ރާއްޖެއިން ވަނީ ހާމަކޮށްފަ އެވެ.

އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އ.ދ.ގެ ޢާއްމު މަޖިލީހުގެ 78 ވަނަ ސެޝަނުގެ އިޤްތިޞާދީ އަދި މާލީ ކަންކަމާބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ) ގައި އިރުމަތީ ޤުދުސް ހިމެނޭހެން، ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާއި ހިފާފައިވާ ސީރިއާގެ ގޯލާންގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް އެ ބިންތަކުގައި އުޅޭ ޢަރަބި އާބާދީތަކަށް ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާ ގުޅޭގޮތުން ތާވަލުކޮށްފައިވާ މައްސަލައިގެ ޢާއްމު ބަހުސްގައި ރާއްޖެ އިން ދިން ބަޔާނުގައި އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ގޮވާލި އެވެ.

މި ބަޔާނުގައި ރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދާ ދަތި ހާލު ފާހަގަކޮށް، ހާއްސަ ގޮތެއްގައި ޣައްޒާގައި މިހާރު ހިންގަމުންދާ ޢުދުވާންތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އާއްމު ރައްޔިތުންނާއި އާންމު ބޭނުންތަކަށް ބޭނުންކުރެވޭ އުމްރާނީ ވަސީލަތްތަކަށް ހަމަލާ ދިނުން ހުއްޓާލުމަށް ގޮވާލައިފަ އެވެ.

ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރުތެރޭގައި ޣައްޒާގެ ދެކުނަށް ދިއުމަށާއި އެންމެ ހަ ގަޑިއިރުތެރޭގައި ގެތަކުން ނުކުތުމަށް އެތައް މިލިއަން ބަޔަކަށް އިޒްރޭލުން އެންގި އެންގުމަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާބެހޭ އެންމެހައި ގާނޫނުތަކާ ހިލާފު ކަމެއްކަން ފާހަގަކޮށް އެ އަމުރު އަނބުރާ ގެނައުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.

އާއްމުންނާއި ހަނގުރާމަވެރިން ތަފާތުކުރުމެއް ނެތި ދެވޭ ހަމަލާތަކަކީ "ކަލެކްޓިވް ޕަނިޝްމަންޓް" ކަން ފާހަގަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމުގެ މުހިއްމުކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފަ އެވެ. އަދި ހަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ބާރުއެޅުމަށް ވެސް ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލައިފަ އެވެ.

ރާއްޖޭގެ ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ވަކި ދައުލަތެއް ގާއިމުކުރުން ހިމެނޭހެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން ތާއީދުކުރާކަން ތަކުރާރުކޮށްފަ އެވެ. އަދި ދާއިމީ، ދެމެހެއްޓެނިވި ޙައްލެއް ލިބެން އޮތީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެންކަން ވެސް ރާއްޖެ އިން ފާހަގަކުރި އެވެ.