ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މަޖިލިހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ޖަވާބުދާރީވާން އެމަނިކުފާނަށް 30 މިނެޓުގެ ފުރުސަތެއް ދިނުމަށް މަޖިލިހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

އާންމު ކޮމިޓީގެ ބައްދަލުވުމުގައި އެ ގޮތަށް ހުށަހެޅުއްވީ މަޖިލިހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. ޝާހިދު ހުށަހެޅުއްވީ ބަހުސަށް ދެ ގަޑިއިރު ކަނޑައަޅާފައި، ބަހުސްގެ ފެށުމާއި މެދުތެރެ އާއި ނިންމަމުން 10 މިނެޓުގެ ތިން ފުރުސަތު ނަޝީދަށް ދެއްވުމަށެވެ.

އެ ހުށަހެޅުން ފާސްވީ އާންމު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި ހަ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ތާއީދާ އެކުގަ އެވެ.

މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލާގެ ނޯޓިސް މީގެކުރިން ވަނީ އެމަނިކުފާނަށާއި މެމްބަރުންނަށް ފޮނުވައިފަ އެވެ. މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުކަން ކުރައްވާ ނަޝީދު ވަކިކުރުމުގެ ގަރާރުގެ ނޯޓިސް އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ ގަވާއިދާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް ވެސް އެ އިދާރާއިން ކުރިން ބުނެފައިވެ އެވެ.

މަޖިލިހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން ހުށަހެޅީ 48 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.

ގަރާރު ބަލައިގަނެ، ނޯޓިސް ފޮނުވާފައި ވަނީ އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމާ މެދު ނަޝީދު ސުވާލު އުފައްދަވާފައިވާ ވަނިކޮށެވެ.

އެއީ، ދައުރެއްގެ ތެރޭގައި އެއް ގަރާރެއް ދެ ފަހަރަށް ހުށަހެޅި ދާނެ ކަމާ މެދު އެ މަނިކުފާނު އުފައްދަވާފައިވާ ސުވާލެކެވެ. އެ ސުވާލު އުފެދުނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މީގެ ކުރިން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

މީގެ ކުރިން ނަޝީދު ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި އޮއްވައި، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެމްޑީޕީން ވަނީ އެ ގަރާރު އަނބުރާ ގެނެސްފަ އެވެ. ގަރާރު އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނަޝީދުގެ އެއްބާރުލުން ލިބޭނެ ކަމަށް ބަލައިފަ އެވެ.

މަޖިލިސް ގަވާއިދުގައިވާ ގޮތުގައި ނޯޓިސްގެ މުއްދަތު، 14 ދުވަސް ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންޖެހެއެވެ. އެއީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓެވެ. އެ އަދަދަށް ވުރެ އިތުރަށް އެމްޑީޕީގައި މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 56 އެވެ.