ދަރިމައިނުވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް ފަރުވާ ލިބޭނެ ގޮތް ފަސޭހަ ކޮށްދިނުމަށް، އެ ފަރުވާ އާސަންދައިގެ ނިޒާމުގެ ތެރޭގައި ހިމެނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސްކޮށްފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ގަރާރު މަޖިލީހުން މިއަދު ފާސްވީ މިއަދުގެ ޖަލްސާގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުންނެވެ.

މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ހުރިހާ ދިވެހިންނަށް ހަމަހަމަކަމާ އެކު ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ޙައްޤު ކަށަވަރުކޮށްދިނުން މުހިންމު ކަމަށެވެ.

އެގޮތުން ދަރިމައިނުވުމުގެ މައްސަލަތަކަށް ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް ކުޑަކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. އަދި ފަރުވާ ހޯދަންޖެހޭ މީހުންނަށް ބޭނުންވާ ބައެއް ބޭސް ރާއްޖެއިން ހޯދުމުގައި ދަތިތައް ހުރުމާއި، ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް މުހިންމު ބޭސް ވެސް އާސަންދައިގެ ދަށުން ނުލިބޭ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން ބަހުސްކުރި މެންބަރުން ވަނީ ރާއްޖޭގައި މިފަދަ މައްސަލަތައް ގިނަވަނީ ކީއްވެގެންކަން ދެނެގަންންނަން ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުމުގެ އިތުރަށް ދަރިމައިވުމުގެ މައްސަލައަށް ބޭނުންކުރާ ބައެއް އަސާސީ ބޭސްތައް ރާއްޖެއިން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލައްވައިފަ އެވެ. އަދި ދަރިމައިވުމުގެ މައްސަލައަށް ބޭސްކުރާ މީހުންނަށް އާސަންދައިގެ ދަށުން ދެވޭނެ ހިދުމަތްތަކަކީ ކޮބައިތޯ ހޯދައި، ހިދުމަތް ދިނުމުގައި ހަރުދަނާ އުސޫލަކާއި މިންގަނޑެއް ކަނޑައެޅުމަށް ގޮވާލައްވާފައިވެ އެވެ.

ދަރިމައިވުމުގެ މައްސަލަ ކުރިމަތިވާ އާބާދީ ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަކީ މިހާރު ރާއްޖެއިން ފަރުވާދެވެން ނެތް ކަމެކެވެ. އަދި ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ އަދަދެއްގެ ދިވެހިން މި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށްދާކަން އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.