ރާއްޖޭގެ ފުޓްބޯޅަ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށް ވިދާޅުވެ، އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު އިއުލާން ކުރައްވައިފި އެވެ.
ޓޮމްއަކީ އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި ދެވަނަ ބޭފުޅާ އެވެ. އެ މަގާމަށް ވާދަކުރައްވާނެ ކަން ފުރަތަމަ އިއުލާން ކުރެއްވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން، އަހުމަދު ވާސިފެވެ.
ތޯރިގް ވިދާޅުވީ ފުޓްބޯޅަ މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކްލަބްތަކާއި ފުޓްބޯޅަ އާއިލާގެ އެއްބާރުލުމަށް އޭނާ އެދޭ ކަމަށެވެ.
"ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން،" ސޯޝަލް މީޑިއާގައި އިއުލާން ކުރައްވަމުން ޓޮމް ވިދާޅުވި އެވެ.
ޓޮމް ވަނީ 2016 ގައި އެފްއޭއެމްގެ ރައީސް ކަން ތިން މަހަށް ވުރެ ގިނަ ދުވަހަށް ކުރައްވައިފަ އެވެ.
ސެޕްޓެމްބަރު 2016 ގައި ޓޮމްއާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބުނާގޮތަށް އިންތިހާބެއް ބާއްވަން ޖެހުނެވެ. ފަސް މެމްބަރުން އިސްތިއުފާ ދިނީ، އޭރު އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަކަށް ހުރި މިހާރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަގާމުން ދުރުކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ފަހު އެވެ. އެ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވައި، ކާމިޔާބު ހޯދީ ވެސް ބައްސާމެވެ.
ޓޮމް އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި އިރު، ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވެސް އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރަން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން ދަގަނޑޭ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ވީ ވޯންޓް ދަނގޭ! ޓޮމް އެންޑް ބައްސާމް އައުޓް!