އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެ ސަރަހައްދަށް ވައުދުތަކެއް ވެވަޑައިގެންފައިވާނެ ކަމަށެވެ.
އެ ވައުދުތައް ފުރިހަމަކޮށް ދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވެވި އެވެ.
މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އާ ސަރުކާރުން ހިމަނަން ބޭނުންވާ ކަންކަން ހިމެނުމުގެ ފުރުސަތު މި ސަރުކާރުން ދީފައިވާ ކަމަށެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ބަޖެޓުގައި ހިމަނާފައި ވާނީ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮންމެ ޓަވަރަކަށް އިތުރު ކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށާއި ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމަ، ކޮންމެ ޓަވަރަކަށް އިރާދަކުރެއްވިއްޔާ ދެ ލިފްޓު އަންނާނެ. ޔަގީންކަން ދެނީ އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް ހުރިހާ ކަމެއް ތަންފީޒުކޮށްދޭނަމޭ." މުއިއްޒު ވިދާޅުވި އެވެ.
މިއީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު، މުއިއްޒު ހިޔާ ސަހަރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމަނިކުފާނު ހިޔާ ފްލެޓުތައް ސަރަހައްދަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ހިޔާ ފްލެޓު ސަރަހައްދުން މުއިއްޒަށް ވަނީ ވަރަށް ބޮޑު މެޖޯރިޓީއެއް ހޯއްދަވައިފަ އެވެ.