ރާއްޖޭގައި ފަހަކަށް އައިސް ގޭސް ސިލިންޑަރު ގޮވުމުގެ ހާދިސާތައް އިތުރުވަމުންދާތީ އެފަދަ ހާދިސާތައް ތަހުގީގު ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.

މުއިއްޒު އެގޮތަށް ގޮވާލެއްވީ، ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ދެ ބިދޭސީއަކު މަރުވެފައިވަނިކޮށެވެ. އެ ހާދިސާގެ އިތުރުން ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި އަލިފާން ނިއްވަން ބޭނުން ކުރާ ގޭސް ސިލިންޑަރެއް މިދިޔަ ބުރާސްފަތި ދުވަހު ގޮވުމާ ގުޅިގެން ހަތަރު މީހަކު ޒަހަމްވި އެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެގެން އެމީހާ އަށް މިހާރު ފަރުވާ ދެނީ އައިޖީއެމްއެޗް ގަ އެވެ.

ދިވެހި ފިރިހެން މީހާ އިންޑިއާ އަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މުއިއްޒު ވިދާޅުވީ މަކުނުދޫގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ދެ މީހަކު މަރުވި ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި ދެ ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ތަހުގީގުކޮށް، މިފަދަ ހިތާމަވެރި ކަންކަން ތަކުރާރު ނުވާނެ ހެން ފިޔަވަޅު އަޅުއްވައި ދެއްވުމަށް ކަމާގުޅޭ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.

"މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން، މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މުޅި މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށްވެސް ގޮވާލަމެވެ." މުއިއްޒު ވިދާޅުވި އެވެ.

ނިޒާމީ ގޮތެއްގައި މިފަދަ މައްސަލަތަކަށް ހޯދަން ޖެހޭ ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލްގެ މަސައްކަތް އަވަސްކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.